ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގުތައް ހަދައި ނިމިއްޖެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގުތައް ހެދުމުގެ މަސައްކަތް އެއްކޮށް ނިންމާ ލެވިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ މ...

30 Apr 2018 | 02:16

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގުތައް ހެދުމުގެ މަސައްކަތް އެއްކޮށް ނިންމާ ލެވިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓް އާއި އަޝޯކާ ބިލްޑްކޮން ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗާ ކުންފުންޏަކާއި އެކެވެ. މަސައްކަތް ހަވާޅު ކުރީ 621.4 މިލިއަން ރުފިޔާ އަށެވެ.

އެޗްޑީސީން ބުނީ ތާރު އަޅައިގެން ހަދާފައިވާ އެ މަގުތައް ބޭނުން ކުރެވޭ ފެންވަރަށް ތައްޔާރުކޮށް މިހާރު ނިމިފައިވާ ކަމަށެވެ. މިހާރު ކުރަމުން އަންނަނީ ޓްރެފިކް ނިޝާންތައް ކުރެހުމާއި ޓްރެފިކް ނިޝާންތައް ހަރުކުރުމުގެ މަސައްކަތް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

އެ މަގުތަކުގެ މަސައްކަތް ނިމުމަކީ ދެ ވަނަ ފިޔަވަހި ތަރައްގީ ކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އެޗްޑީސީން ބުނެ އެވެ.

ދެވަނަ ފިޔަވަހީގެ މަގުތައް ހެދުމުގެ މަސައްކަތް އެ ކުންފުންޏަށް ނިންމިފައި މިވަނީ މަައްކަތް ހަވާލުކޮށް ނިންމަން ބުނިތާ އަހަރެއްހާ ދުވަސް ފަހުންނެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލު ކުރީ 2015 ވަނަ އަހަރު، 18 މަސް ދުވަސް ތެރޭގައި ނިންމުމަށެވެ.

އެޗްޑީސީން ބުނީ ކަނޑައެޅި މުއްދަތަށް މަސައްކަތް ނުނިމުނީ އެ ޕްރޮޖެކްޓަށް ބޭނުންވާ ލޯނު އިންޑިއަން އެގްޒިމް ބޭންކުން ހަމަޖައްސަން ވަގުތުތަކެއް ހޭދަވުމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް