ސަރުކާރަށް 74،016000 މިލިއަން ރުފިޔާ ދެއްކުމަށް އަންގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ފިނޭންސް މިނިސްޓްރީން ފޮނުވި ނޯޓިސް ބާތިލްކޮށްފި އެވެ.
ފިނޭންސް މިނިސްޓަރު އަހުމަދު މުވައްވަރު ސޮއިކުރައްވައި މިދިޔަ ބުދަ ދުވަހު އަދީބަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އޭސީސީން އެމައްސަލަ އަލުން މުރާޖައާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ހަތް ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް މިދިޔަ މަހު 28 ވަނަ ދުވަހު ދިން ނޯޓިސް ބާތިލްކޮށްފައިވާ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.
ފައިސާ ދައްކަން އެންގި މުއްދަތު މިމަހުގެ ހަތް ވަނަ ދުވަހަށް ހަމަވެފައިވާއިރު އެފައިސާ ނުދައްކަ އެވެ. އަދީބުގެ ގާނޫނީ ވަކީލުންގެ ޓީމުން ފިނޭންސް މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އަދީބަށް އެ ސިޓީ ލިބިފައި ނުވާކަމަށެވެ. އެއީ ސިޓީ ފޮނުވީ އަދީބު ދިރިއުޅުއްވާ އެޑްރެހަށް ނޫން ކަމަށާއި އަދީބަށް ފޮނުވާ ސިޓީ ފޮނުވަން ވާނީ ކަރެކްޝަންސް އަށް އެޑްރެސްކޮށް މާފުށީ ޖަލަށް ކަމަށެވެ.
އަދީބަށް ފިނޭންސް މިނިސްޓްރީން ފައިސާ ދައްކަން އެންގީ އޭނާ ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު މުއްދަތު އިތުރު ކުރުމުގެ ފީ ނެގުމެއް ނެތި، ނަސަންދުރަ ހިންގަން އެންޕީއެޗް އިންވެސްޓްމަންޓަށް 50 އަހަރަށް ދޫކުރި މައްސަލައިގަ އެވެ. އޭގެ ކުރިން ނަސަންދުރަ ހިންގަން ހަވާލުކޮށްފައި އޮތީ ގެލެކްސީ އެންޓަޕްރައިސަސްއާ އެވެ. އެކަމަކު އެންޕީއެޗް އިންވެސްޓްމަންޓުން އޮތީ އެތަނުގެ ލީޒް ހޯލްޑް ރައިޓްސް ގަނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް