ހެރީ ސްޓައިލްސް އަކީ އިނގިރޭސި އައިރިޝް ޕޮޕް ބޭންޑެއް ކަމަށްވާ "ވަން ޑިރެކްޝަން" އިން ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ ފަންނާނެކެވެ. އެގޮތުން ދިވެހިންގެ ތެރެއިންވެސް ގިނަ ބައެއްގެ ހިތް އޭނާ ވަނީ ފަތަހަކޮށްފައެވެ.
ދުވަސްކޮޅެއްގެ މެދުކެނޑުމަކަށްފަހު ހެރީ ވަނީ އޭނާގެ ފޭނުންނަށް އުފާވެރި ހަބަރެއް ޚިއްސާ ކޮށްފައެވެ. އެއީ އަންނަ ސެޕްޓެމްބަރު މަހުގައި ވޯލްޑް ޓުއާ އަކަށް ނިކުންނަން ނިންމާފައިވާ ހަބަރެވެ. މި ޓުއާ ޑިސެމްބަރު މަހާ ހަމަޔަށް ދެމިގެން ދާނެ ކަމަށް ހެރީ ވަނީ ބުނެފައެވެ.
"ހެރީ ސްޓައިސްލް ލައިވް އޮން ޓުއާ" ގެ ނަމުގައި ކުރިއަށް ގެންދާ ޓުއާގައި ސެޕްޓެމްބަރ 19 ވަނަ ދުވަހު ފުރަތަމަ ކޮންސާޓު ބޭއްވުމަށް ހަމަޖެހިފައިވާއިރު ކޮންސާޓު އޮންނާނީ އެމެރިކާގެ ސެން ފްރަންސިސްކޯގައެވެ. އަދި ޓުއާ ނިންމާލާނީ ޖަޕާނުގައި ޑިސެމްބަރ އަށް ވަނަ ދުވަހުއެވެ.
https://www.instagram.com/p/BTbanvejQkM/
ހެރީގެ ވޯލްޑް ޓުއާ އޮންނާނެ ގައުމުތަކާއި ކޮންސަޓްތައް ކުރިއަށް ދާނެ ތަންތަނާއި ތާރީހުތައް އޭނާ ޚިއްސާކޮށްފައިވަނީ އިންސްޓަގްރާމްގައެވެ.
މި ޓުއާގައި އެމެރިކާ، އިނގިރޭސިވިލާތް، ޖަރުމަން، އިޓަލީ، އޮސްޓްރޭލިއާ، ކެނެޑާ، ނިއުޒިލެންޑް، ސިންގަޕޫރު އަދި ޖަޕާނުގައި ޕަފޯމްކުރާނެކަން ފާހަގަކޮށްލެވެއެވެ.
އަންނަ މަހުގެ ފަސްވަނަ ދުވަހުނެ ފެށިގެން ޓުއާގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާއިރު، އޭނާގެ ފުރަތަމަ ސޯލޯ އަލްބަމް ވެސް އަންނަ މަހުގެ ތެރޭގައި ނެރޭނެއެވެ. "ހެރީ ސްޓައިލްސް" ގެ ނަމުން ނަން ދީފައިވާ ސޯލޯ އަލްބަމް ނެރެން ހަމަޖެހިފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހުއެވެ.
މީގެ އިތުރުން ހެރީ ކުޅުނު ފުރަތަމަ ފިލްމް "ޑަންކާކް" އަންނަ ޖުލައި މަހުގެ 21 ގައި ސިނަމާތަކަށް އަންނާނެއެވެ. ކްރިސްޓޯފާ ނޯލަން ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ހަނގުރާމައިގެ ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ.
https://www.youtube.com/watch?v=rJePvN_4T_E
"ވަން ޑިރެކްޝަން" އާ ޒޭން މަލިކް 2015 ވަނަ އަހަރު ވަކިވިފަހުން އެ ބޭންޑުގެ ގިނަ މެމްބަރުން މިހާރު ޕާފޯމް ކުރަމުން އަންނަނީ ސޯލޯ އާޓިސްޓުންގެ ގޮތުގައިކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް