ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ މައްޗަށް ދައުވާ ކޮށްދިނުމަށް ފޮނުވި މައްސަލައިގައި ދައުވާކޮށްދެވެން ނެތް ކަމަށް ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މައްސަލަ އަނބުރާ ފޮނުވާލައިފި އެވެ.
ފާޜިސްގެ މައްޗަށް ދައުވާ ކުރަން ފޮނުވީ އޭނާގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ހަރަދެއް އަދާ ނުކޮށްވާ މައްސަލައެއް ބެލުމަށް ފަހު އޭސީސީން ފުލުހުންގެ ކިބައިން އެކަން ތަހުގީގުކޮށްދޭން އެދުމުންނެވެ. އެ މައްސަލައިގެ ތަހުގީގު ނިންމާ ޕީޖީ އޮފީހަށް ފުލުހުން ހުށަހެޅީ މިމަހުގެ 20 ގައި އެވެ.
ޕީޖީ އޮފީހުން ފާރިސްގެ މައްޗަށް ދައުވާ ކުރެވެން ނެތް ކަމަށް ނިންމާ އެ މައްސަލަ ފޮނުވާލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެއީ ގާނޫނުލް އުބޫބާތުގެ ދަށުން ޖިނާއީ ދައުވާ ކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތު ފާއިތުވިފަހުން ފާރިސް މައްޗަށް ދައުވާ ކުރަން ފޮނުވުމުންނެވެ.
ގާނޫނުލް އުގޫބާތުގެ 61 ވަނަ މާއްދާގައި ބުނާ ގޮތުން ޖިނާޔަތުގެ ދަރަޖައިގައި ހިމެނޭ ކުށްތަކަކީ ކުށުގެ އަމަލު ހިނގާ ވަގުތުން ފެށިގެން އަށް އަހަރުގެ ތެރޭގައި ދައުވާ ކުރަންޖެހޭ ކުށްތަކެކެވެ. އަދި ޖުނަހްގެ ދަރަޖައިގެ ހިމެނޭ ކުށްތަކަކީ ކުށުގެ އަމަލު ހިނގާ ވަގުތުން ފެށިގެން ތިން އަހަރުގެ ތެރޭގައި ދައުވާކުރަން ޖެހޭ ކުށްތަކެކެވެ.
އެ މައްސަލަ އަނބުރާ ފޮނުވާލި އިރު އަނެއްކާ އިތުރު މައްސަލައެއްގައި ފާރިސް ވަނީ މިދިޔަ ހަފްތާގައި ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައި އެވެ. ފާރިސް ވިދާޅުވީ ފުލުހުން އޭނާގެ މައްޗަށް ކުރަނީ ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް