ކާޓޫނެއް ބެލުމަށްފަހު ގިނަފަހަރަށް އެ ކާޓޫނު ތަކުން ފެނިގެންދާ މުހިންމު ކެރެކްޓަރެއް ރީނދޫ ކުލައިން އެހުންނަނީ ކީއްވެތޯއޭ މިއީ އެތައް ބައެއްގެ ހިތުގައި އުފެދޭ ސުވާލެކެވެ.
މަޝްހޫރު ކާޓޫނު ތަކުގެ ތެރެއިން ރީނދޫ ކުލައިގަ ކެރެކްޓަރު ހުންނަ ކާޓޫންތަކުގެ ތެރޭގައި ސިމްޕްސަން، ސްޕޮންޖްބޮބް، ޕިކާޗޫ އަދި ހުރިހާ ކުޑަކުދިންގެ ހިތްތައް އަތުލާފައިވާ މިނިއަންސް ހިމެނެ އެވެ. މީގެ އިތުރުން ވިނީ ދަ ޕޫ، ޓްވިޓީ ބާޑް، ޕްލޫޓޯ ފަދަ ކުރީގެ ކާޓޫނުތައްވެސް ހުންނަނީ ރީނދޫ ކުލައިގަ އެވެ.
މަޝްހޫރު ކާޓޫން ޑައިރެކްޓަރެއް ކަމަށްވާ މެޓް ގްރޮއިނިން ބުނިގޮތުގައި އޭނާގެ އެންމެ މަޝްހޫރު ކާޓޫނު "ސިމްޕްސަންސް"ގެ ކެރެކްޓަރުން ރީނދޫ ކުލައިން ހަދާފައި ވަނީ އެހެން މީހުންގެ ޝައުގުވެރިކަން ދަމައިގަތުމަށެވެ.
އޭނާ ބުނިގޮތުގައި ޓީވީ ޗެނަލްތައް ބަދަލުކުރުމުގެ ތެރޭގައި އެންމެ އަޅައިގަންނާނެ އެއް ކުލަ އަކީ ރީނދޫ ކުލަ އެވެ.
ޔޫޓިއުބް ގެ ޗެނަލެއް ކަމަށްވާ "ފްރެޑެރޭޓާ" އިން ކުރި ދިރާސާ އެއްގައި ރީނދޫ ކުލަ ކާޓޫނު ތަކުގައި ބޭނުން ކުރަނީ ތިން ސަބަބަކާ ހުރެއެވެ. އެއީ ކުލައިގެ ތިއަރީ އާއި، ކުލައިގެ ސައިކޮލޮޖީއާއި، ކުލައިގެ ވިޒިބިލިޓީ އަށް ބަލައިގެންނެވެ.
ކުލައިގެ ތިއަރީ - "ފްރެޑެރޭޓަ" އިން ހާމަކުރި ގޮތުގައި ކުލައިގެ ތިއަރީ އަކީ ޓީވީގައި ކުލަ އިންނަ ގޮތެވެ. ޓީވީ ގައި ކުލައިގެ ބުރުގައި އިންނަނީ ރަތް ކުލައާއި ފެހި އަދި ނޫ ކުލަ އެވެ. މި ކުލަ ތަކަކީ ޕްރައިމެރީ ކުލަތައް ކަމުން އެހެން ކުލަތައް ދައްކުވައިދޭ ގޮތް ރީތިކޮށްދެއެވެ. އަދި ގިނަ ފަހަރަށް ފަހަތުން އުޑު ފަދަ ނޫ ކުލައިގެ އެއްޗެއް ދައްކާއިރު ރީނދޫ ކުލަ އަޅައިގަންނާނެ އެވެ. އެހެންކަމުން ކާޓޫނުތަކުގައި ގިނަ ފަހަރަށް ރީނދޫ ކުލަ ބޭނުން ކުރެ އެވެ.
ކުލައިގެ ސައިކޮލޮޖީ – ގިނަފަހަރަށް އަޅުގަނޑުމެން ކުލަތަކުން އިހުސާސުތައް ހާމަކުރަމު އެވެ. އެގޮތުން ރަތް ކުލައިން ލޯތްބާއި ރުޅިވެރިކަން އަދި ކަޅު ކުލަ އިން ހިތާމަ ފަދަ އިހުސާސުތައް ހާމަ ކުރަމު އެވެ. ހަމަ މިގޮތަށް ރީނދޫ ކުލައިން ހަކަތަ، ކުޅިވަރު، އުފާވެރިކަން ފަދަ އިހުސާސްތައް ހާމަ ވުމުން ގިނަ ކާޓޫން ތަކުގައި އެ ކުލަ ބޭނުން ކުރަނީ ކަމަށްވެސް "ފްރެޑެރޭޓަ" އިން ވަނީ ބުނެފަ އެވެ.
ކުލަ ފެންނަގޮތް – ކުލަ ފެންނަ ގޮތަކީވެސް ކާޓޫނުތަކުގައި ރީނދޫ ކުލަ ބޭނުންކުރުމުގެ ސަބަބެއްކަމަށް "ފްރެޑެރޭޓަ" އިން ވަނީ ހާމަކޮށްފައެވެ. އެހެނީ މީހުންގެ ޝައުގުވެރިކަން ދަމައިގަންނަނީ ބޮޑަށް ރީނދޫ ކުލަ އަށެވެ. ގިނަ ނުރައްކާ ބޯޑުތަކާއި، ޓެކްސީ ތަކާއްވެސް ރީނދޫ ކުލައިގައި ހުންނަނީ މި ސަބަބާ ހުރެ އެވެ. މީގެ އިތުރުން ކަލަރ ބްލައިންޑް މީހުނަށްވެސް ރީނދޫ ކުލަ ފެނިގެންދަނީ ރީނދޫ ކުލަ އަސްކުލައިގައި ކަމަށް ވުމީ ވެސް ސަބަބެއްކަމަށް މި ޗެނަލުން ވަނީ ހާމަކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް