ސޯޝަލް މީޑިއާއިން މަރާލި ބައެއް ބޮލީވުޑް ތަރިން!

މަޝްހޫރު ބައެއް ފަރާތްތަކުގެ ފޮޓޯތައް ތަފާތު ގޮތަކަށް ފެނިއްޖެ ނަމަ އެމީހަކު މަރުވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހަބަރު ފެތުރުމަކީ އާންމު ކަމެކެވެ. އެގޮތުން ބޮލީވުޑްގެ މަޝްހޫރު ބައެއް ތަރިން ސޯޝަލް މ...

30 Apr 2017 | 02:30

މަޝްހޫރު ބައެއް ފަރާތްތަކުގެ ފޮޓޯތައް ތަފާތު ގޮތަކަށް ފެނިއްޖެ ނަމަ އެމީހަކު މަރުވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހަބަރު ފެތުރުމަކީ އާންމު ކަމެކެވެ.

އެގޮތުން ބޮލީވުޑްގެ މަޝްހޫރު ބައެއް ތަރިން ސޯޝަލް މީޑިއާއިން މަރާލާފައިވެ އެވެ. އެންމެ ފަހުން އެގޮތަށް މަރާލީ ކުރީގެ މަޝްހޫރު ތަރި އަދި މިފަހަކުން ބައެއް ޑްރާމާ ސީރީޒްތަކުން ފެނިގެން ދިޔަ ފަރީދާ ޖަލާލެވެ.

އެއްވެސް ކަމަކާ ނުލައި ފަރިދާ މަރާލުމުން ދުނިޔޭގައި ހުރިކަން ސާބިތުކޮށްދޭން ޖެހުނީ ބޮޑު ބަޔާނެތް ނެރެގެންނެވެ. ފަރީދާ މަރުވިކަމަށް ބުނެ ސޯޝަލް މީޑިއާގައި ހަބަރު ފަތުރަމުން ދާކަން އެނގުނީ ގާތް މީހުންނާއި އެކުވެރިން އެކަން ޔަގީން ކުރުމަށް އޭނާއަށް ގުޅަން ފެށުމުން ކަމަށް ފަރީދާ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ހަމަ އެގޮތަށް އަމީތާބް ބައްޗަން އަދި ކެޓްރީނާ ކެއިފް ފަދަ ތަރިންވެސް ވަނީ ސޯޝަލް މީޑިއާއިން މަރާލާފައި އެވެ. ތިރީގައި އެވަނީ އޭގެ ތެރެއިން ބައެއް ތަރިންނެވެ.

އަމީތާބް ބައްޗަން:

އަމީތާބު ބައްޗަން މަރުވި ކަމަށް ބުނެ ހަބަރު ފެތުރުނީ މީގެ ދެތިން އަހަރު ކުރިންނެވެ. އެ ހަބަރު ފެތުރު މީހުން ބުނެފައިވަނީ އަމިތާބު މަރުވީ އެމެރިކާގައި ކާރު އެކްސިޑެންޓެއްގައި ކަމަށެވެ.

އެއީ ދޮގެއްކަން ހާމަ ކުރުމަށް އެ ދުވަސްވަރު އަމީތާބު އެއްވެސް ކަމެއް ނުކުރެ އެވެ. އޭގެ ހަފްތާއެއް ފަހުން އޭނާ ވަނީ ހަފްލާއަކުން ފެނިގެން ގޮސްފައި އެވެ.

މާދުރީ ޑިކްސިޓް:

މާދުރީ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހަބަރު ފެތުރި އެވެ. އެކަމަކު ފަހުން އެނގުނީ ހާޓް އެޓޭކެއް ޖެހިގެން މަރުވީ ހަމަ އެ ނަން ކިޔާ އެކްޓްރެސް މާދުރީގެ އަވައްޓެރިއެއް ކަމެވެ.

ކެޓްރީނާ ކެއިފް:

ސޯޝަލް މީޑިއާއިން ކެޓްރީނާ ކެއިފް މަރާލީ 2013 ވަނަ އަހަރު އެވެ. އެއްވެސް ސަބަބަކާއި ނުލާ ކެޓްރީނާ މަރާލައިގެން އެ ހަބަރު ފެތުރި މީހުންނާއި ކެޓްރީނާގެ ސަޕޯޓަރުން ވަނީ ކަރުނައިން މުޅި ސޯޝަލް މީޑިއާ ބަންޑުން ޖަހާލާވަރު ކޮށްފައި އެވެ.

އެކަމަކު ފަހުން އެ ހަބަރު ފެތުރި ގްރޫޕުން ވަނީ އެއީ ތެދު ހަބަރެއް ނޫންކަން ހާމަކޮށްފައި އެވެ.

ލަތާ މަންގޭޝްކަރު:

ބޮލީވުޑްގެ ކުރީގެ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރު ސޯޝަލް މީޑިއާއިން މަރާލީ މީގެ އަހަރުތަކެއް ކުރިންނެވެ. އެފަހަރުވެސް ސަޕޯޓަރުން ރޮއެ، އޭނާގެ ހަނދާނުގައި އެތައް ކަމެއް ކުރިފަހުން ލަތާ ވަނީ ޓުވިޓާގައި އޭނާ ދުނިޔޭގައި ހުރިކަން ހާމަކޮށްފައި އެވެ.

އައިޝްވާރިޔާ ރާއީ ބައްޗަން:

ސޯޝަލް މީޑިއާގައި އައިޝްވާރިޔާ މަރުވީކީ ނޫނެވެ. ހަބަރު ފެތުރީ އޭނާ އަމިއްލައަށް މަރުވީ ކަމަށް ބުނެ އެވެ. އައިޝްވާރިޔާގެ ވަރަށް ކުރީގެ ފޮޓޯއެއް އާންމުކޮށްގެން އެހެން ކިޔަން ފެށުމުން އެކަމާ ގުޅޭގޮތުން އައިޝްވާރިޔާ އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އެންމެ ފަހުން އެ އަޑުތައް މަޑުވަމުން ގޮސް ހުއްޓުނީ އެވެ.

ޔޯޔޯ ހަނީ ސިންހަ:

އިންޑިއާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޔޯޔޯ ހަނީ ސިންހަ މަރާލީ ފޭކު ފޮޓޯތަކެއް އާންމުކޮށްގެންނެވެ. އެކްސިޑެންޓެއް ވެގެން ހޮސްޕިޓަލަށް ގެންގޮސް އޮންނަ މީހެއްގެ ފޮޓޯތަކެއް އާންމުކޮށް ބަޔަކު ވަނީ ޔޯޔޯ މަރުވެއްޖެ ކަމަށް ސޯޝަލް މީޑިއާގައި ހަބަރު ފަތުރާފައި އެވެ. އެ ވާހަތައް ހުއްޓެއް ދުވަސްކޮޅެއް ނެގި ކަމަށްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް