އިންޑިއާގެ އަމިއްލަ ޔުނިވާސިޓީތަކުގެ ތެރެއިން ގަދަ ތިނެއްގައި ހިމެނޭ ޕަންޖާބުގެ ދަ ލަވްލީ ޕްރޮފެޝަނަލް ޔުނިވާސިޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް އޮނަރަރީ ޑޮކްޓަރޭޓްކަން އަރުވަން ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ ޔުނިވާސިޓީން ރައީސް ޔާމީނަށް އަރުވަން ނިންމާފައިވަނީ ޑޮކްޓަރޭޓް އޮފް ލިޓްރޭޗަރ، އޮނޯރިސް ކާޒާ ކަމަށެވެ. މި އެވޯޑު ދޭނެ ދުވަހެއް އަދި ދޭން ހަމަޖެހިފައިވަނީ ކޮން ގައުމެއްގައި ކަމެއް ހާމައެއް ނުކުރެ އެވެ.
ލަވްލީ ޔުނިވާސިޓީން މި އޮނަރަރީ ރައީސް ޔާމީނަށް އަރުވަނީ އިސްލާމް ދީނަށާއި ގައުމުގެ ކުރިމަގާއި މެދު ވިސްނަވާ، ރާއްޖެއަށް ހެޔޮ ބަދަލު ގެނައުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ އަގު ވަޒަންކޮށް ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި ރައީސް ޔާމީން ރައްޔިތުންނަށްޓަކައި ކޮށްދެއްވާ އަގު ހުރި ހިދުމަތްތަކާއި، ރައްޔިތުންގެ ހެވާ ލާބަޔަށް މަސައްކަތް ކުރައްވާކަމީ އެ އެވޯޑު އަރުވާ ސަބަބުތައް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރައީސް އޮފީހުން ބުނީ ކޮންމެ އަހަރަކު 30،000 ދަރިވަރުން ގްރެޖުއޭޓުވާ ލަވްލީ ޔުނިވާސިޓީ އަކީ އިންޑިއާގެ ޔުނިވަރސިޓީ ގްރާންޓްސް ކޮމިޝަން (ޔޫ.ޖީ.ސީ)، އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޔުނިވަރސިޓީސް (އައި.އޭ.ޔޫ) އަދި އެސޯސިއޭޝަން އޮފް ކޮމަންވެލްތު ޔުނިވަރސިޓީސް (އޭ.ސީ.ޔޫ) އިން ގަބޫލު ކުރާ ޔުނިވާސިޓިއެއް ކަމަށެވެ. މި ޔުނިވަސިޓީ އަކީ ދިވެހި ދަރިވަރުންވެސް މަީ ތައުލީމް ހާސިލް ކުރާ ޔުނިވާސިޓީ އެކެވެ.
އަދި މި ޔުނިވާސިޓިގެ އިސް ދަރިވަރުންގެ ތެރޭގައި ނޯބަލް ލައުރޭޓް ޑާލައި ލާމާ، އަފްގާނިސްތާނުގެ ކުރީގެ ރައީސް ހާމިދު ކަރްޒާއީ، މޮރިޝަސްގެ ކުރީގެ ރައީސް ރާޖްކެސްވުރު ހިމެނިވަޑައިގަންނަވާ ކަމަށްވެސް ރައިސް އޮފީހުން ހާމަ ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް