ކްރިސްޓިއާނޯ ރޮނާލްޑޯ މަތިން ހަނދާންވާ ކަމަށް ބާސެލޯނާ އަދި އާޖެންޓީނާގެ ތަރި ލަޔޮނެލް މެސީ ބުނެފިއެވެ.
މެސީ މިހެން ބުނެފައިވަނީ އާޖެންޓީނާގެ އެފްއެމް ކްލަބް 947 އަށް ދިން އިންޓަވިއު އެއްގައެވެ. މި އިންޓަވިއުގައި މެސީ ބުނެފައިވަނީ ރޮނާލްޑޯ ޓްރޮފީތައް ހޯދާތަން ދެކެން އުނދަގޫވިނަމަވެސް ލަލީގާއަށް ޝަރަފުވެރިކަމެއް ރޮނާލްޑޯ ގެންސްދިން ކަމަށެވެ. ރޮނާލްޑޯ ގެންދިޔަފަހުން ޖުވެންޓަސް، ޗެމްޕިއަންސް ލީގު ގެންދާނެކަމަށް ބެލެވޭ ޓިމަށް ވެގެން ގޮސްފައިވާކަމަށާއި އެތްލެޓިކޯ މެޑްރިޑާއި ޖުވެންޓަސް ބައްދަލު ކުރި މެޗުން ރޮނާލްޑޯއަށް ވަރަށް ބޮޑަށް ހިތްވަރު ލިބިގެން ގޮސްފައިވާނެ ކަމަށްވެސް މެސީ ވަނީ ބުނެފައެވެ.
މި އިންޓަވިއުގައި މެސީ ބުނެފައިވާ ގޮތުގައި މިވަގުތު ތިބި އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންނަކީ ނޭމާއާއި، އެމްބައްޕެއާއި، ހާޒާޑްއާއި، ޝުރަރޭޒްގެ އިތުރުން އަގުއޭރޯކަމަށެވެ. އަދި މިއަށްފަހު މެސީ ބުނެފައިވަނީ އަމިއްލަ ނަމާއި އެކު ލިސްޓުން ރޮނާލޮޑޯގެ ނަންވެސް ލިސްޓުން އެއްފަރާތް ކޮށްލީ ކަމަށެވެ.
ރޮނާލްޑޯ ޖުވެންޓާސްއާއި ގުޅުނުފަހުންވެސް ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މިގޮތުން ރޮނާލްޑޯ ވަނީ މިސީޒަނުގައި ހުރިހާ މުބާރާތެއްގައި ކުޅުނު 36 މެޗުން ޖުވެންޓަސްއަށް 24 ގޯލް ޖަހައިދީ 10 އެސިސްޓް ހަދައިދީފައެވެ. މެސީ ވަނީ މި ސީޒަނުގައި ހުރިހާ މުބާރާތެއްގައި ކުޅުނު 37 މެޗުން ބާސެލޯނާއަށް 39 ގޯލް ޖަހައިދީ 18 އެސިސްޓް ހަދައިދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް