ފްރާންސުގެ އައްސޭރިފަށަށް މަރުވެގެން ލެއްގި ކޯމަހުގެ އަދަދު 1100 އަށްވުރެ މައްޗައް

މަރުވެގެން ފްރާންސުގެ އައްސޭރިފަށަށް ލެއްގި ކޯމަހުގެ އަދަދު ރެކޯޑު އަދަދަކަށް އަރައިފިއެވެ. މި އަހަރުގެ މިހާތަނަށް 1100 އަށްވުރެ ގިނަ ކޯމަސް މަރުވެގެން ފްރާންސުގެ އައްސޭރިފަށަށް ލައްވެފައިވާއިރު މިއީ ...

30 Mar 2019 | 05:29

މަރުވެގެން ފްރާންސުގެ އައްސޭރިފަށަށް ލެއްގި ކޯމަހުގެ އަދަދު ރެކޯޑު އަދަދަކަށް އަރައިފިއެވެ.

މި އަހަރުގެ މިހާތަނަށް 1100 އަށްވުރެ ގިނަ ކޯމަސް މަރުވެގެން ފްރާންސުގެ އައްސޭރިފަށަށް ލައްވެފައިވާއިރު މިއީ 2017 ވަނަ އަހަރުގެ ޖުމްލަ އަދަދަށްވުރެވެސް ގިނަ އަދަދެކެވެ. އަދި މިއީ ފާއިތުވެދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނައިން ކޯމަސް މަރުވެގެން އަހަރެއްގެ ތެރޭގައި ލެއްގި އަދަދެވެ.

މިގޮތަށް ލައްވެފައިވާ ކޯމަހުގެ 90 އިންސައްތައަކީ، ދާއަޅައިގެން މަސްވެރިކަން ކުރާ މަސްވެރިންގެ އަތުން މަރުވާ ކޯމަސް ކަމުގައި މިކަން ދިރާސާ ކުރާ ފަރާތެއް ކަމުގައިވާ، ފްރާންސުގެ ލާ ރޯޝެލް ޔުނިވާސިޓީގެ ނޭޝަނަލް ސެންޓަރ ފޮރ ސައިންޓިފިކް ރިސާޗުގެ ވިލީ ޑައުބިން ވަނީ ބުނެފައެވެ. އަދި ދަލުގައި ކޯމަސް ޖެހުމުން ދަލަށް ގެއްލުން ނުދޭންވެގެން ކޯމަހުގެ ގުނަވަންތައް ބުރިކޮށްލާފައި އެއްލާލާ ކޯމަހުގެ އަދަދު ގިނަ ކަމުގައިވެސް ޑައުވިން ވަނީ ބުނެފައެވެ.

މަސްވެރިކަމުން މަރުވާ ކޯމަހުގެ އަދަދު ތިރި ކުރުމަށް ފްރާންސުގެ އިކޯލޮޖީ މިނިސްޓަރު، ފްރެންކޮއިސް ޑީ ރުގީ ދަނީ "އެކޮއޮސްޓިކް ރިޕެލެންޓް ޑިވައިސް" އަށް ކުރާ ދިރާސާ އިތުރުކުރުމަށް މަސައްކަތް ކުރަމުންނެވެ. މި އާލާތަކީ ކޯމަހަށް އުނދަގޫވާ ސިގުނަލެއް ފޮނުވައިގެން ކޯމަސް މަސްވެރި ދާތަކާއި ދުރަށް ފޮނުވާލާ އެއްޗެކެވެ. މީގެ ސަބަބުން ދަލުގައި ޖެހޭ ކޯމަހުގެ އަދަދު ދައްވެގެން ދާނެއެވެ. އެހެން ނަމަވެސް ތިމާވެށި ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާއެއްކަމުގައިވާ ސީ ޝެޕާޑުން ބުނެފައިވަނީ މި އާލާތަކީ ބޭކާރު އެއްޗެއް ކަމެއް ކަމަށެވެ. ސަބަބަކީ މި އާލާތުގެ ސަބަބުން ހިފަން ބޭނުންވާ މަސް ދަލާ ދުރަށް ގޮސްދާނެކަމުގެ ބިރަށް މަސްވެރިން މި އާލާތް ބޭނުން ނުކުރާތީ ކަމަށެވެ. އަދި މިއާލާތަކީ ދާއިމީ ހައްލަކަށް ނުވާއިރު މީގެ ސަބަބުން އެހެން ކަނޑުގެ ދިރުމަށްވެސް އަސަރުކުރާކަމަށް މި ޖަމިއްޔާއިން ވަނީ ހާމަކޮށްފައެވެ.

ސީ ޝެޕާޑްގެ ފަރާތުން ވާހަކަ ދެއްކި އެ ޖަމިއްޔާގެ ރައީސާ ލަމްޔާ އެސެމްލާލީ ބުނެފައިވާ ގޮތުގައި މިއަދު ކޯމަސް މަރުވަމުން ދާ ރޭޓުގައި ކޯމަސް ނެތި ދިޔުމުގެ ބިރު ހީވެފައިވާކަމަށެވެ. އަދި ކޯމަސް މަރުވާ އަދަދު އިތުރުވެފައިވާ މިވަނީ ދާއަޅައިގެން ބޭނުން މަނާކުރެވިފައިވާ މަހުގެ ބާވަތެއް ކަމުގައިވާ ހޭކް ބޭނުމުގެ ހުއްދަ އަލުން ދިނުމުންކަމުގައި ކަމަށެވެ. އަދި އަގުހެޔޮ ކަނޑު މަހަށް އޮތް ޑިމާންޑް ބޮޑުވުމާއި ގުޅިގެން ދާ އަޅައިގެން ބާނާ މަސް އިތުރުވެފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް