މި ސަރުކާރުގައި ފުލުހުންގެ މުއައްސަސާ ހިނގަމުންދާނީ ސިޔާސީ އެއްވެސް ނުފޫޒެއް ނެތި ކަމުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ ފުލުހުންގެ 86 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ގައުމުގައި ހަމަޖެހުން އޮންނާނީ ފުލުހުންގެ ތެދުވެރިކަމުގެ މައްޗަށް ކަމަށެވެ. ފުލުހުންނަކީ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތާ ބަޔަކަށް ހެދުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
"މި ވެރިކަމުގައި ފުލުހުންނަކީ ސިޔާސީ ނުފޫޒުން އެއްކިބާ ވެފައިވާ ބައެއް ކަމުގެ ޔަގީންކަން ތިޔަ ހުރިހާ ފުލުހުންނަށާއި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން" ރައީސް ވިދާޅުވިއެވެ.
މިރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ފުލުހުންގެ އިތުބާރު ގެއްލޭ އެންމެ ބޮޑު ސަބަބަކީ ސިޔާސީ ނުފޫޒާއި ކޮރަޕްޝަން ކަމަށެވެ. އަދި ފުލުހުންގެ އިތުބާރު މިދިޔަ އަހަރުތަކުގައި އޮތީ ވަރަށް ބޮޑަށް ގެއްލިފައި ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ފުލުހުންގެ ހިދުމަތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އާންމުންނަށް އަމިއްލަ ދިރިއުޅުމުގައި މިނިވަން ކަމާއެކު އުޅެވެނީ ފުލުހުން ރެއާއި ދުވާލު ކުރާ މަސައްކަތުން ކަމަށެވެ. ފުލުހަކާ ބައްދަލުވާ ހިނދު ރައްޔިތު މީހާއަށް ކުރެވެން ވާނީ އަމާންކަމާއި ބިރެއް ނެތްކަމުގެ އިހްސާސް ކަމަށާއި ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނަށް އިހްތިރާމާއި ލޯބި ލިބެން ފަށާނީ އެ އިތުބާރު އުފެދިގެން ކަމުގައިވެސް ރައީސްގެ މިރޭގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް