މަސްވެރިކަން ކުރަން އުޅުނު އއ. މާޅޮހު ރަމްޒު ނަމަކަށް ކިޔާ، ދޯންޏެއްގައި އޮތް ހާލުބޮޑު ބަލި މީހަކު ސިއްޙީ އަވަސް ފަރުވާއަށް ކުޅުދުއްފުއްޓަށް ގެނައުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް މިއަދު 14:52 ހާއިރު ލިބުމާއެކު އެމްއެންޑިއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޓީމެއް ވަނީ ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.
"ހާލު ދެރަވެގެން ކުޅުދުއްފުއްޓަށް ގެންނަނީ ކުޅުދުއްފުށި ހުޅަނގު ބިތުން 106 މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު އއ.މާޅޮހު، ރަމްޒު ނަމަކަށް ކިޔާ ދޯނީގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ދިވެއްސެކެވެ. މި މީހާ ކުޅުދުއްފުއްޓަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވަނީ ކުއްލިއަކަށް ހޮޑުލެވި ބަނޑުގައި ރިއްސާ ހާލު ދެރަވެގެން އަވަސް ފަރުވާ ބޭނުންވާކަމަށް ދޯނީގެ ކެޕްޓަން އެމްއެންޑީއެފް ކޯސްޓްގާޑުގައި އެދުމުންނެވެ." އެމްއެންޑީއެފުން ބުނެފައި ވެ އެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރޒް ޅ.މާފިލާފުށީގައި އޮތް އެފްއައިސީ "މާފަތް" ލޯންޗު ޅ.ނައިފަރަށް ގޮސް ޑޮކްޓަރުންގެ ޓީމު ގޮވައިގެން ދޯނި އޮތް ސަރަޙައްދަށް ދަނީ ދަތުރުކުރަމުން ކަމަށާއި މި މީހާ ކުޅުދުއްފުއްޓަށް ގެނެވޭނެ ކަމަށް ލަފާކުރެވެނީ މިރޭ 23:30 ހާއިރު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް