ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ

ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ އެވެ. ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވިދާޅުވީ ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ މީހަކީ ޗައިނާގެ ޒިއާމިން...

30 Jan 2020 | 18:32

ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ އެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވިދާޅުވީ ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ މީހަކީ ޗައިނާގެ ޒިއާމިން ސިޓީން ރާއްޖެ އައި 20 އަހަރުގެ ދިވެއްސެއް ކަމަށެވެ. އޭނާ ރާއްޖެ އައި ކަމަށްވަނީ ރޭގައި އެވެ.

އަމީން ވިދާޅުވީ އެމީހާ އައިސޮލޭޝަންގައި ބަހައްޓާފައި ހުރީ ކ. ފުނަދޫގައި އެވެ. އެމީހާ ގައިގަ ކޮރޯނާ ވައިރަސް ހުރިތޯ ބަލަން ހެލްތް މިނިސްޓްރީން ނިންމީ މީގެ 14 ދުވަސް ކުރިން ޒިއާމިން ސިޓީގެ އެއްގަމު މަސް ވިއްކާ މާކެޓަކަށް އޭނާ ގޮސްފައިވާތީ އެވެ.

ހެލްތް މިނިސްޓަރު ވިދާޅުވީ އިތުރަށް ބެލުމަށް އައިޖީއެމްއެޗުގެ ސްޕެޝަލިސްޓުން ގެންގޮސްގެން ބެލި އިރު ހުމުގެ އެއްވެސް އަސަރެއް އޭނާގެ ގައިގަ ނެތް ނަމަވެސް އަރިދަފުސް ރޯގާގެ އަލާމާތްތައް އެބަހުރި ކަމަށެވެ. އެކަމަކު އެމީހާގެ ސިއްހީ ހާލަތު ރަނގަޅު ކަމަށެވެ.

ހެލްތް މިނިސްޓްރީން ބުނީ ކޮރޯނާ ވައިރަސް ހުރިހޯ ބެލުމަށް ހަދަން ޖެހޭ ޓެސްޓުތައް ހެދުމަށް ލޭގެ ސާމްޕަލް ނަގައި ފޮނުވަން ޖެހޭ ތަންތަނަށް ފޮނުވާފައިވާ ކަމަށެވެ. މީގެ ކުރިން ހެލްތް މިނިސްޓަރު ވިދާޅުވީ މި ސަރަހައްދުން އެންމެ ކައިރިން ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރެވެން ހުރީ އިންޑިއާގެ ޕޫނޭގައި ކަމަށެވެ.

އެހެންކަމުން ބެލެވޭގޮތުގައި ސާމްޕަލް ނަގައި ފޮނުވީ އިންޑިއާއަށެވެ.

އެމީހާއަށް ކޮރޯނާ ވައިރަސް ޖެހިފައިވޭތޯ ބަލަން ނިންމި ސަބަބުތައް:

އަލާމާތްތައް ފެނުމުގެ14 ދުވަސް ކުރިން ޗައިނާގެ ވޫހާން ސިޓީ އާއި ހޫބޭ ޕްރޮވިންސަށް ގޮސްފައި ހުރުން.

އަލާމާތްތައް ފެނުމުގެ14 ދުވަސް ކުރިން ޗައިނާގެ އެއްވެސް ސަރަހައްދެއްގައި ހުންނަ މީޓް މާކެޓަކަށް ދިއުން.

ކޮރޯނާ ވައިރަސްގެ އަލާމާތްތައް ކަމަށްވާ ހުން އައުން، އަރިދަފުސް ރޯގާ ޖެހުން، ކެއްސުން، ކިނބިހި އެޅުން އަދި ނޭވާ ކުރުވެ ނޭވާލާން އުނދަގޫވާފަދަ އަލާމާތެއް ފެނުން.

ބަލި މީހާ އަކީ ބަލި އުުޅޭ ސަރަހައްދެއްގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްދޭ މީހަކަށްވުން.

އަލާމާތްތައް ފެނުމުގެ14 ދުވަސް ކުރިން ބަލި ޖެހިފައިވާ މީހަކާއި އެކުގައި އުޅުން ނުވަތަ އެ ބަލި މީހުން ތިބި ތަނަކަށް ޒިޔާރަތްކޮށްފައިވުމެވެ.

ރާއްޖެގައި ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ މީހަކު ފެނުނު އިރު ސްރީލަންކާ އާއި އިންޑިއާ ބަލި ޖެހިފައިވާ މީހުން ވަނީ ފެނިފަ އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް