ނުރައްކާތެރި ކޮރޯނާ ވައިރަސް އުފަންވި ޗައިނާގެ ވޫހާން ސިޓީގައި ތާށިވެފަ ތިބި ދިވެހިން އެ ސިޓީން ނެރެގެން ސީދާ ރާއްޖެ ނުގެންނާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
މިއަދު ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ވޫހާން ސިޓީގައި ތާށިވެފައި ތިބީ ނުވަ ދިވެހިން ކަމަށެވެ. އޭގެ ތެރެއިން އެ ސިޓީގެ ހާލަތު އޮތްގޮތުން ރާއްޖެ އަންނަން ބޭނުންވަނީ ހަތް މީހުން ކަމަށެވެ.
އެމީހުން ރާއްޖެ ގެނައުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާ ކަމަށާއި އެކަން ކުރަމުންދަނީ އަވައްޓެރި އެހެން ގައުމުތަކުގެ އެހީތެރިކަމާއި އެކު ކަމަށެވެ. އެގޮތުން އެ ހަތް މީހުން އެ ސިޓީން ނެރޭނީ އަވައްޓެރި ގައުމެއްގެ ބަޔަކާއި އެކު ކަމަށް ޝާހިދު ވިދާޅުވި އެވެ.
އެއީ ކޮން ގައުމެއް ކަމެއް ވިދާޅު ނުވެ ޝާހިދު ވިދާޅުވީ ދިވެހިން ފުރަތަމަ ގެންދާނީ އަވައްޓެރި ގައުމަކަށް ކަމަށެވެ. އަދި ރާއްޖެ ގެންނާނީ އެ ގައުމެއްގައި ވޫހާން ސިޓީން ގެންދެވޭ މީހުންނާއި މެދު އަމަލު ކުރެވެމުންދާ އުސޫލުން ސިއްހީ ފަރުވާދީ ސިއްހީ މައްސަލައެއް ނެތްކަން ކަށަވަރުވުމުން ކަމަށް ޝާހިދު ވިދާޅުވި އެވެ.
ކޮރޯނާ ވައިރަސްގެ ސަބަބުން ވޫހާން ސިޓީގައި ތާށިވެ ބަންދުވެފައި ތިބި މީހުންނަށް ދަނީ ކާބޯތަކެތި ހޯދުމުގައި ދަތިތަކާއި ކުރިމަތިވަމުންނެވެ. އެގޮތުން ކާބޯތަކެތީެ އަގު އިންތިހާއަށް އުފުލިފައިވާތީ ސަރުކާރުން ވަނީ އެ ސިޓީގައި ތިބި ނުވަ ދިވެހިންނަށް ކޮންމެ ދުވަހަކު50 ޑޮލަރުގެ މަގުން މާލީ އެހީދޭން ނިންމާފައި އެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ ޗައިނާގައި އެކި ބޭނުންތަކުގައި މިވަގުތު69 މީހަކު އެބަތިބި ކަމަށެވެ. ސަރުކާރުން ހުޅުވާލި ފުރުސަތުގައި ހިލޭ ރާއްޖެ އަންނަން ބޭނުން ވެގެން އެމްބަސީގައި ރަޖިސްޓްރީކޮށްފައިވަނީ ދެ މީހުން ކަމަށެވެ.
ކޮރޯނާ ވައިރަސްގަ މިހާތަނަށް170 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު މި ބަލި އަވައްޓެރި އިންޑިއާ އަދި ސްރީލަންކާއިން ވަނީ ފެނިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް