ޗައިނާއިން ރާއްޖެއަށް ކުރާ ސީދާ ދަތުރުތައް ހުއްޓާލައިފި

ކޮރޯނާ ވައިރަސް ފެތުރެމުންދާ ޗައިނާއިން ރާއްޖެއަށް ކުރާ ސީދާ ދަތުރުތައް ހުއްޓާލަން ސަރުކާރުން ނިންމައިފި އެވެ. މިކަން އިއުލާނު ކުރީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރި...

30 Jan 2020 | 10:06

ކޮރޯނާ ވައިރަސް ފެތުރެމުންދާ ޗައިނާއިން ރާއްޖެއަށް ކުރާ ސީދާ ދަތުރުތައް ހުއްޓާލަން ސަރުކާރުން ނިންމައިފި އެވެ.

މިކަން އިއުލާނު ކުރީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. މި ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބައިވެރިވެވަދައިގެންނެވި އެވެ.

ޝާހިދު ވިދާޅުވީ ދަތުރުތައް މެދުކަނޑާލީ މުއްދަތެއް ނެތްގޮތަށް ކަމަށެވެ. އަދި މިގޮތަށް ނިންމީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތަކާއި އެކު މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް ވިދާޅުވި އެވެ.

ޗައިނާއިން ރާއްޖެއަށް ކުރާ ސީދާ ދަތުރުތައް ހުއްޓާލިޔަސް ޓްރާންސިޓްކޮށް ކުރާ ދަތުރުތައް ހުއްޓާލާކަށް ސަރުކާރުން ނުނިންމަ އެވެ.

ރާއްޖެ އާއި ޗައިނާ އާއި ދެމެދު ސީދާ ދަތުރުތައް ބާއްވަނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ އިތުރުން ހަތަރު އެއާލައިނަކުންނެވެ. އަދި ޓްރާންސިލް ފްލައިޓުތަކެއް ހަތަރު ވަރަކަށް އެއާލައިނުން ބާއްވަ އެވެ.

މީގެ އިތުރުން މިއަދު ފޮރިން މިނިސްޓްރީން ވަނީ ދިވެހިން އާންމުކޮށް ގޮސް އުޅޭ ބައެއް ގައުމުތަކަށް ދިއުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ. ދިވެހިން އާންމުކޮށް ގޮސް އުޅޭ ގައުމުތައް ކަމަށްވާ ސްރީލަންކާ، އިންޑިއާ އަދި މެލޭޝިއާއިންވެސް ވަނީ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުން ފެނިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް