ނުރައްކާތެރި ކޮރޯނާ ވައިރަސް އާއި ރާއްޖެއިން ނައްތާލެވިފަވާކަން އިއުލާނު ކުރިފަހުން ފެތުރެން ފަށާފައިވާ ހިމަބިހިން ރައްކާތެރިވުމަށް މިސްކިތްތަކުގައި ގުނޫތު ކިޔުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.
އެ މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ބަލިތަކުން ރައްކާތެރިކޮށްދިނުމަށް އެދި މިއަދުގެ މަގުރިބް ނަމާދުން ފެށިގެން ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ގުނޫތު ކިޔާނެ ކަމަށެވެ. ގުނޫތު ކިޔުން ހުއްޓަލާނީ މިނިސްޓްރީން އެންގުމުންނެވެ.
ހެލްތް މިނިސްޓްރީން ބުނީ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ރާއްޖެއިން އަދި ނުފެނުނަސް ބަލީގެ ނުރައްކާ ރާއްޖެއަށް ވަރަށް ބޮޑު ކަމަށެވެ. އެހެންވެ ރައްކާތެރި ކަމުގެ ގޮތުން ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.
އަވައްޓެރި އިންޑިއާ އާއި ސްރީލަންކައިން ކޮރޯނާ ވައިރަސް ފެނިފައިވާއިރު މިހާތަނަށް މި ބަލީގައި170 މީހުން ވަނީ މަރުވެފައި އެވެ.
އަދި ހިމަބިހި އަލުން ފެތުރެން ފެށިފަހުން އެ ބަލި އަށް މީހަކަށް ވަނީ ޖެހިފަ އެވެ. އެހެންވެ ހެލްތް މިނިސްޓްރީން ދަނީ ވެކްސިން ޑޯޒު ފުރިހަމަ ނުކުރާ ކުދިންނަށް ވެކްސިން ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް