މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ފާސު ފައިދާގެ ގޮތުގައި209 މިލިއަން ރުފިޔާ ލިބުނު ކަމަށް އެ ބޭންކުން ހާމަކޮށްފި އެވެ.
ބީއެމްއެލްއިން އާންމުކޮށްފައިވާ ހިސާބުތަކުގައި ވާގޮތުން މިދިޔަ އަހަރު އޭގެ ކުރީ އަހަރާ އަޅާބަލާއިރު ޓެކްސްއަށް ކެނޑުމަށް ފަހު ފައިދާގެ ގޮތުގައި962 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ބީއެމްއެލްއިން ބުނީ ހިންގުމުގެ ހަރަދާއި އިންވެސްޓްމެންޓް، ޕްރޮވިޝަން ޗާޖު އިތުރުވެފައިވީނަމަވެސް ވިޔަފާރީގެ މައިގަނޑު ހުރިހާ ދައިރާއަކުން ރަނގަޅު ފައިދާއެއް ހޯދިފައިވާ ކަމަށެވެ.
ބީއެމްއެލްއިން މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ހިންގާފައިވާ ބައެއް ކަންކަމުގެ ތެރޭގައި ކޮމިއުނިޓީ ފަންޑުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުއަށް ފައިދާ ހުރި10 ޕްރޮޖެކްޓެއް ހިންގުމަށް މާލީ އެހީދީފަވެ އެވެ. ނުކުޅެދުންތެރިކަން ހުންނަ60 ފަރާތަކަށް މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކޮށްފައިވެ އެވެ.
ބީއެމްއެލްއިން ބުނީ ކަސްޓަމަރުންނަށް ފަސޭހަ ކޮށްދިނުމަށް ބީއެމްއެލްގެ ބިޒްނަސް ސެންޓަރުތައް ހުޅުމާލެ އާއި މާލޭގައި ގާއިމްކޮށްފައިވާކަމަށެވެ. އަދި ނ. ވެލިދޫގައި އެ ބޭންކުގެ ބްރާންޗެއް ހުޅުވާފައިވާ ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔަރ ވިދާޅުވީ މިއަހަރުވެސް ލަނޑުދަނޑިތައް ހާސިލް ކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށެވެ. އެގޮތުން ކަސްޓަމަރުންގެ ޑިމާންޑަށް ބަލައި ޓެކްނޮލޮޖީއަށް އިންވެސްޓު ކުރާނެ ކަމަށް ވިދާޅުވި އެވެ.
"މި ކުއާޓާގައި އިތުރު ސެލްޕް ސަރވިސް ބޭންކިންގ ސެންޓަރުތައް ގާއިމް ކުރެވިގެންދާނެ. އަދި އެކައުންޓް އޯޕަނިންގ ސެންޓަރަކާއި ލޯން ސެންޓަރ އެއްވެސް ހުޅުވިގެންދާނެ. މީގެ އިތުރުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދޫކުރާ ލޯނާއި ފައިނޭސިންގ ޕްރޮޓަކްޓްތަކަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ." ޓިމް ވިދާޅުވި އެވެ.
ބީއެމްއެލްއިން ބުނީ ބޭންކުގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
ބީއެމްއެލްއިން 20 އަތޮޅުގައި 38 ބްރާންޗް، 51 ސެލްފްސަރވިސް ބޭންކިން ސެންޓަރު، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތް ދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް