އިންތިހާބަށް އެއްބާރުލުން ދިނުމަށް އީސީ އާއި ސީއެސްސީން އެއްބަސްވުމަކަށް

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. އީސީގެ ފަރާތުން...

30 Jan 2020 | 08:28

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އީސީގެ ފަރާތުން އެއްބަސްވުމެއްގައި ސޮއި ކުރެއްވީ ނައިބު ރައީސް އަހުމަދު އަކުރަމެވެ. ސީއެސްސީގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނުގެ ރައީސް އަލީ ޝަމީމް އެވެ.

މި އެއްބަސްވުމުގެ ދަަށުން ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ބޭނުންވާ އޮފިޝަލުންނާއި ފޯކަލް ޕޮއިންޓުން ހަމަ ކުރުމުގެ ގޮތުން ސިވިލް ސާވިސް މުވައްޒަފުން ހަމަޖައްސައިދޭނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި އީސީގެ ނައިބު ރައީސް އަކުރަމް ވިދާޅުވީ މިއީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދެ އިންތިހާބުގެ ވޯޓުލުހުން އެކޮށް ކުރިޔަށްގެންދާ ފަހަރު ކަމަށް ވުމުން ގިނަ އިދާރާތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އެގޮތުން ވޯޓު ކަރުދާހާއި ވޯޓު ފޮށި ބަހައްޓަން ޖެހޭތީ ގިނަ އަދަދެއްގެ އޮފިޝަލުން ވެސް ބޭނުންވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިފަހަރުގެ އިންތިހާބަށް6،500 އަށްވުރެ ގިނަ އޮފިޝަލުން ބޭނުންވާނެ ކަމަށެވެ. އެކަމަށް މިއަދުގެ އެއްބަސްވުމުގެ ދަށުން ސިޗިލް ސާވިސް މުވައްޒަފުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

ސީއެސްސީގެ ރައީސް ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ސިވިލް ސާވަންޓުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމަށެވެ.

މީގެ ކުރިން ބޭއްވި އިންތިހާބުތަކުުގައި ފޯކަލް ޕޮއިންޓުންނާއި އޮފިޝަނުންގެ ގޮތުގައި ގާތްގަނޑަށް 85 ޕަސެންޓް ހަރަކާތްތެރިވެފައި ވަނީ ސިވިލް ސާވިސް މުވައްޒަފުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް