ޗައިނާގެ ވޫހާ ސިޓީއިން އުފަންވި ނުރައްކާތެރި ކޮރޯނާ ވައިރަސްގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށް އެގައުމުގެ ސިއްހީ ތަޖުރިބާކާރުން ވިދާޅުވެއްޖެ އެވެ.
ކޮރޮނާ ވައިރަސް މިހާރު އެ ގައުމުގެ ހުރިހާ ސަރަހައްދުތަކަކަށް ފެތުރި،16 ގައުމަކުން ވަނީ ބަލި ފެނިފަ އެވެ. ބަލިން ރައްކާތެރިވުމަށް މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާއިރު ވައިރަސް ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.
މި ބަލި ރަނގަޅު ވަނީ އަމިއްލަ އަށެވެ. ބަލީގެ އަސަރު ބޮޑަށް ކޮށް ނުރައްކާ މުސްކުޅިންނަށް ބޮޑުވަނީ އެ ބައްޔަކީ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔަކަށް ވާތީ އެވެ. އުމުރުން ދުވަސްވުމުން ނޭވާލާ ނިޒާމުގެ ބާރުދެރަވާނެ އެވެ.
ޗައިނާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މި ބަލީގައި މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ އުމުރުން48 އަހަރާއި89 އަހަރާ ދެމެދުގެ މީހުންނެވެ. އަދި ފާހަގަވެފައިވާ ގޮތުގައި އޭގެ ތެރެއިން ގިނަ މީހުންނަކީ ހަކުރު ބައްޔާއި، ހިތުގެ ބަލި އަދި ލޭމައްޗަށް ދާތީ ބޭސް ބޭނުން ކުރަމުންދާ މީހުންނެވެ.
މި ހަފުތާގައި ޗައިނާ އަށް ޒިޔާރަތް ކުރެއްވި ޑަބްލިއުއެޗްއޯގެ ޑިރެކްޓާ-ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވީ ވައިރަސްގެ އަސަރުކޮށްފައިވާ މީހުންގެ ފަރާތުން ވެސް ފެންނަނީ ވަރަށް އާދައިގެ އަލާމާތްތަކެއް ކަމަށެވެ. ބަލީގެ ބޮޑެތި އަލާމާތްތައް ކަމަށްވާ ނިއުމޯނިއާ އަދި ނޭވާލާ ނިޒާމް ފެއިލްވުން ފަދަ ކަންކަން ދިމާވަނީ 20 ޕަސެންޓް މީހުންނަށް ކަމަށެވެ.
ޑަބްލިއުއެޗްއޯއިން އިއްޔެ ބުނެފައިވަނީ މި ބައްޔަށް މުޅި ދުނިޔެ ސަމާލުވެ ތިބެންޖެހިފައިވާ ކަމަށެވެ. ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަހަކީ ދުނިޔޭގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްތޯ އިއުލާނު ކުރުމާއި މެދު މިއަދު އެ ޖަމިއްޔާއިން ބާއްވާ ބައްދަލުވުމެއްގައި ނިންމާނެ އެވެ.
ކޮރޯނާ ވައިރަސް އާއި ގުޅިގެން ވޫހާން ސިޓީ ކަރަންޓީން ކޮށްފައިވާއިރު އެތަނުގައި ހަތް ދިވެހިން އެބަތިއްބެވެ. ދިވެހި ސަރުކާރުން ދަނީ އެމީހުން އެ ސިޓީން ބޭރުކޮށް ރާއްޖެ ގެނެވޭނެ ގޮތްތަކެއް ހޯދަމުންނެވެ. މިހާތަނަށް އަލިމަގެއް ފެނިފައެއް ނުވެ އެވެ.
އެމެރިކާ އާއި ޖަޕާނު ރައްޔިތުންގެ ތެރެއިން ވޫހާންގައި ތިބި މީހުން އެ ގައުމުތަކުގެ ސަރުކާރުން ވަނީ ޗާޓާޑް ފްލައިޓުތަކުގައ ގެންގޮސްފަ އެވެ ޖަޕާނަށް ގެންދިޔަ މީހުންގެ ތެރެއިން ތިން މީހަކު ވަނީ ވައިރަސްއަށް ޕޮސިޓިވް ވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް