މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް ޗީފް އެގްޒެކެޓިވް އޮފިސަރަކު (ސީއީއޯއެއް) ހޯދުމަށް އިއުލާނުކޮށްފި އެވެ.
މިއީ އެ ކުންފުންޏަށް ސީއިއޯ އަކު ހޯދަން އެމްއޭސީއެލްއިން އިއުލާނު ކުރި ފުރަތަމަ ފަހަރެވެ.
އެތަން ހިންގެވުމާ މިހާރު ހަވާލުވެ ހުންނަވަނީ ޑެޕިއުޓީ ޗީފް އިންފޮމޭޝަން އޮފިސަރު މޫސާ ސޯލިހެވެ. އޭނާ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ބޮޑުބޭބޭފުޅެވެ.
އެމްއޭސީއެލްއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ސީއީއޯ ކަމަށް ކުރިމަތިލާ މީހަކީ އޭވިއޭޝަން ދާއިރާގައި އުޅެ15 އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންޖެހޭނެ ކަމަށެވެ. އެ މުއްދަތުގައި ސީނިއަ މެނޭޖްމެންޓް ލެވެލްގައި 10 އަހަރު، އަދި "ސީ-ސޫޓް ލެވެލް" ގައި މަދުވެގެން ފަސް އަހަރު ހޭދަކޮށްފައިވާ މީހަކަށް ވެސް ވާން ޖެހެ އެވެ.
އޭވިއޭޝަން ދާއިރާއިން ޕޯސްޓް ގްރެޖުއޭޓް ޑިގްރީއެއް އޮންނަން ޖެހޭއިރު މަގާމަށް ހޮވޭ މީހަކާއި އެކު އެ ކުންފުނިން އެގްރިމެންޓު ކުރަނީ ތިން އަހަރު ދުވަހުގެ މުއްދަތަށެވެ. އޭގެ ފަހުން މުއްދަތު އިތުރު ކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.
ސީއީއޯކަމަށް ކުރިމަތިލާ މީހާއަކީ ނިންމުންތައް ނިންމުމަށާއި މަޝްވަރާކުރުމަށް މޮޅު މީހަކަށް ވާންޖެހޭނެ ކަމަށް އިއުލާނުގައި ވެއެވެ. އަދި އޭނާއަކީ ބޮޑު ކުންފުންޏެއްގެ މެނޭޖްމަންޓު ބަދަލުކުރުމަށް ކުޅަދާނަ، އަދި އުނދަގޫ ހާލަތްތަކުގައިވެސް ކުޅަދާނަކޮށް މަސައްކަތްކުރުމަށް މޮޅު، މުސްތަގިއްލު އަދި އަހުލާގު ރަނގަޅު މީހަކަށް ވާންޖެހޭނެކަމަށް އިއުލާނުގައި ބުނެފައިވެއެވެ. އަދި ސަރުކާރުގެ އިތުރުން ރާއްޖެއާއި ބައިނަލްއަގުވާމީ ރެގިއުލޭޓަރީ ބޮޑީތަކާއި ރާއްޖޭގެ ރައްޔިތުންނާއެކު މަސައްކަތްކުރުމުގެ ގާބިލުކަން ހުރި މީހަކަށް ވާންޖެހޭނެކަމަށް އެމްއޭސީއެލްގެ އިއުލާނުގައި ވެއެވެ.
އެމްއޭސީއެލްއަށް ސީއީއޯ އަކު ހޯދުމުގެ އިއުލާނު އެ ކުންފުނިން ވަނީ ބޭރުގެ ބޮޑެތި ވިޔަފާރިއަށް ހާއްސަ ނޫސްތަކުގައި ވެސް ޖަހާފައި އެވެ.
މި މަގާމަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ 2020 ފެބްރުއަރީ 15 ވާ ހޮނިހިރު ދުވަހެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން އެމްއޭސީއެލްއަކު ސީއީއޯއެއް ނުހުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް