މާކޮރޯނާ ވައިރަސް: މާސްކު އަޅައިގެން އުޅޭފަދަ ހާލަތަކަށް ރާއްޖެ ގޮސްފިތަ!

ނުރައްކާތެރި ވައިރަސްތަކުން ސަލާމަތްވުމަށް މޫނުމަތީގައި މާސްކް އަޅައިގެން އުޅުމަކީ ސިއްހީ މާހިރުން އިރުޝާދުދޭ ކަމެކެވެ. މާސްކަކީ މާބޮޑު ރައްކާތެރިކަމެއް ލިބޭ ވަސީލަތެއް ނޫންކަމަށް ދެކޭ ސިއްހީ ދާއިރާގެ...

30 Jan 2020 | 06:02

ނުރައްކާތެރި ވައިރަސްތަކުން ސަލާމަތްވުމަށް މޫނުމަތީގައި މާސްކް އަޅައިގެން އުޅުމަކީ ސިއްހީ މާހިރުން އިރުޝާދުދޭ ކަމެކެވެ.

މާސްކަކީ މާބޮޑު ރައްކާތެރިކަމެއް ލިބޭ ވަސީލަތެއް ނޫންކަމަށް ދެކޭ ސިއްހީ ދާއިރާގެ ބޭފުޅުންވެސް އުޅެއެވެ. މިދުވަސްވަރު އެންމެ ބޮޑަށް އާންމުން އެނގެން ބޭނުންވާ ސުވާލަކީ އާންމު ތަންތަނުގައި ނުކުމެ އުޅޭއިރު މާސްކް އަޅަން ޖެހޭތޯ އެވެ. އަދި އެއީ ރައްކާތެރި ކަމެއްތޯ އެވެ؟

މި ސުވާލަން ޖަވާބުދެމުން އެމެރިކާގެ ގައިން ގަޔަށް އަރާ ބަލިތައް ދިރާސާ ކުރާ ފަރާތެއްކަމަށްވާ ޑރ. ޗާލްސް ޗިއު ވިދާޅުވެފައިވަނީ މާސްކަކީ އާންމުކޮށް ފެތުރޭ ރޯގާތައް ނުވަތަ ވައިރަސްތަކުން ރައްކާތެރިވުމަށް ކޮންމެހެން އަޅަންޖެހޭ އެއްޗެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އާންމުކޮށް މާސްކު އަޅަން ޖެހޭނީ އެތަނެއްގެ ނުރައްކާތެރި ވައިރަސްއެއް ހަލުވި ކަމާއި އެކު ފެތުރޭނަމަ ކަމަށެވެ.

ދުނިޔޭގައި ފެތުރުނު ނުރައްކާތެރި ރޯގާތަކުގެ ތެރެއިން ސާސް ރޯގާ ފެތުރުން ކޮންޓްރޯލްވުމަށް ފޭސް މާސްކު މުހިންމު ދައުރެއް އަދާ ކުރިކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ވައިރަސް ހުރަހެއް ނެތި ހަށިގަނޑަށް ވަނުން މާސްކުން ކޮންޓްރޯލް ކޮށްދޭނެތީ އެވެ.

އޭނާ ވިދާޅުވެފައިވަނީ އާންމުކޮށް މި ބޭނުން ކުރާ ފޭސް މާސްކް އަކީ ކެއްސާ ކިނބިހި އެޅުމުން އަނގައިން ބޭރުވާ ޖަރާސީމުތައް އިތުރަށް ބޭރުނުވެ ހިފަހައްޓާނެ އެއްޗެއް ކަމަށެވެ. އެކަމަކު ބައެއް ޖަރާސީމު ބޭރު ނުވާނެ ކަމުގެ ޔަގީންކަން ނުދެވޭނެ ކަމަށެވެ. އެހެންވެ ޑރ. ޗާލްންސް އާއި އޭނާ އާއި އެކު މަސައްކަތް ކުރާ ބައިވެރިން ބުނާގޮތުގައި ނުރައްކާތެރި ބައްޔެއް ހަލުވިކަމާއި އެކު ފެތުރޭނަމަ އެންމެ ރައްކާތެރީ "އެން95" މާސްކް އެވެ.

ޗާލްސް މިވާހަކަތައް ދައްކަން ޖެހުނީ މިހާރު ހަލުވިކަމާއި އެކު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް އެމެރިކާގެ ފަސް މީހަކަށް ޖެހުމާއި ގުޅިގެން ފޭސް މާސްކަށް ކުއްލިއަކަށް އެގައުމުގައި ޑިމާންޑު ބޮޑުވުމާއި ގުޅިގެންނެވެ. ރިޕޯޓުތައް ބުނާގޮތުގައި ފޭސް މާސްކް އުފައްދާ ކުންފުނިތަކަށް އާންމުން ބޭނުންވާ ވަރަށް މިހާރު މާސްކް ބާޒާރަކަށް ނުނެރެވެ އެވެ.

މި މައްސަލައިގަ އޭނާ ވިދާޅުވީ އެމެރިކާފަދަ އާބާދީ ބޮޑު ގައުމެއްގައި އާންމުންގެ މެދުގަ ބަލި ފެތުރިދާނެ ކަމުގެ ބިރު އޮތަސް އަދި އާންމު ތަންތަނުގައި މާސްކް އަޅައިގެން އުޅޭ ފަދަ ހާލަތަކަށް އެ ގައުމުގައި އެ ބަލި ފެތުރެމުން ނުދާކަމަށެވެ. އެކަމަކު ކޮރޯނާ ވައިރަސްގެ އަސަރު ކޮށްފައިވާ މީހުންގެ އަދަދަށް ބަލާއިރު ޗައިނާގެ އާންމު ތަންތަނުގައި މާސް އަޅަން ޖެހޭނެ ކަމަށެވެ.

އެހެންކަމުން ސިއްހީ ތަޖުރިބާކާރުންގެ ވާހަކަތަކަށް ބަލާއިރު ރާއްޖެއަށް ކޮރޯނާ ވައިރަސް އައުމުގެ ނުރައްކާތެރިކަން އޮތަސް އަދި އާންމު ތަންތަނުގައި މާސްކް އެޅުމުން މުހިންމެއް ނޫނެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކޮރޯނާ ވައިރަސް ފެތުރި ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ ކަމަށް ބަލައި ސަރުކާރާއި އެސްޓީއޯ އާއި އެނޫންވެސް ބޭސް އެތެރެ ކުރާ ކުންފުނިތަކާއި ގުޅިގެން މާސްކާއި ބޭސް ބޭނުންވާ ވަރަށް އެތެރެ ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް