ގައިން ގަޔަށް އަރާ ބަލިތަކާއި ދެކޮޅަށް ރާއްޖޭގައި ކުޑަކުދިންނަށް ދެމުންދާ ވެކްސިން ދަރިންނަށް ދޭން ދެކޮޅު ހެދި މީހުންނަށް ދައުވާ ކުރަން ނިންމައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިކަން ހާމަކުރެއްވީ އޭނާގެ ދަރިފުޅަށް ވެކްސިން ދިނުމަށް ފަހު ކުރެއްވި ޓުވީޓެއްގައި އެވެ. ވެކްސިން ޖެހުމަކީ މުހިންމު ކަމެއްކަން ދައްކައިދީ ހިތްވަރު ދެއްވުމަށް ދަރިފުޅުގެ މޫނު ނުފެންނަ ގޮތަށް ފޮޓޯއެއްވެސް އާންމު ކުރެއްވި އެވެ.
އެ ޓުވީޓުގައި އޭނާ ވިދާޅުވެފައިވަނީ ކުރިޔަށް އޮތް22 ދުވަސް ތެރޭގައި ދަރިންނަށް ވެކްސިން ދޭން ދެކޮޅު ހެދި ބެލެނިވެރިންނާއި ދެކޮޅަށް ދައުވާ ކުރަން ފަށާނެ ކަމަށެވެ. އެކަމަކު އެއީ ކިތައް މީހުންނެއް ކަމެއް އަދި ދައުވާ ކުރުމުގައި ގެންގުޅޭނެ އުސޫލުތަައް ހާމައެއް ނުކުރައްވަ އެވެ.
މީގެ ކުރިން ޝަމީމް ވަނީ އެފަދަ ބެލެނިވެރިންނާއި ދެކޮޅަށް އެޅިދާނެ ފިޔަވަޅުތައް ބަލަމުންދާ ކަމަށް ވިދާޅުވެފައި އެވެ.
https://twitter.com/HuShameem/status/1222464632989741058
ވެކްސިން ދިނުމާއި ދެކޮޅު މައިންބަފައިން އެމީހުންގެ ދަރިން ފޮރުވައިގެން ގެންގުޅޭ ކަމުގެ މައުލޫމާތު ދާދިފަހުން ވަނީ އާންމުވެފައި އެވެ. އެގޮތުން އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ސިއްހީ މަރުކަޒުތަކުން އެންގިޔަސް ވެކްސިން ދޭން ނުދާ މައްސަލައިގަ މައިންބަފައިންގެ ނުރުހުމުގައި ބައެއް ކުދިންނަށް ވަނީ ވެކްސިން ދީފަ އެވެ.
ހެލްތް މިނިސްޓްރީން ބުނީ ކުޑަކުދިންނަށް ދޭ ވެކްސިން ތަކަކީ އެކުދިންގެ މުސްތަގުބަލާއި ސިއްހަތަށް ފައިދާ ކުރުވާ އެއްޗެއް ކަމަށެވެ. އެހެންކަމުން މައިންބަފައިންގެ ނުރުހުމުގައިވެސް ވެކްސިން ދޭނެ ކަމަށެވެ.
ވެކްސިން ނުދޭ މައްސަލަ ފެންމަތިވެފައި ވަނިކޮށް ދާދިފަހުން މިވަނީ ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި އަލުން ފެންނަން ފަށާފައި އެވެ. ހިމަބިއްސަށް ދޭ ވެކްސިން ކުއްޖާގެ އުމުރުން ހަ މަހާއި18 މަހުގައި ދެ އެވެ. މި ފަހުން ހިމަބިހި ޖެހިފައިވާ ބައެއް ކުދިންނަކީ ވެކްސިން ޑޯޒު ފުރިހަމަ ނުކުރާ ކުދިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް