ޗައިނާގެ ހުބެއި ޕްރޮވިންސްގެ ވޫހާން ސިޓީން ފެނި، އެ ގައުމުގައި ހަލުވި ސްޕީޑެއްގައި ފެތުރެމުން އަންނަ ނޮވެލް ކޮރޯނާ ވައިރަހުގައި މަރުވި މީހުންގެ އަދަދު 170 އަށް އަރައިފިއެވެ.
މިއީ އިއްޔެއާއި އަޅާ ކިޔާއިރު 38 ގެ އިތުރުވުމެކެވެ.
މަރުވި މީހުންގެ އަދަދު 170 އަށް އަރާފައިވާއިރު ވައިރަހުގެ އަސަރުކޮށްފައިވާކަން ކަށަވަރު ކުރެވޭ މީހުންގެ އަދަދުވެސް މިވަނީ ބޮޑުތަނުން އިތުރުވެފައެވެ. އިއްޔެ އެ އަދަދު ގާތްގަނޑަކަށް ހަ ހާހުގައި އުޅުނު އިރު މިއަދު އެ އަދަދު މިވަނީ 7700 އަށް އިތުރުވެފައެވެ. މިއީ 1500 އަށްވުރެ ބޮޑު އިތުރުވުމެކެވެ. މި އަދަދަށް ބަލާއިރު ވައިރަސް ފެތުރުމުގެ ސްޕީޑަށް ބަދަލެއް އައިސްފައިނުވާކަމުގައި ބެލުމުގެ ފުރުސަތު އެބަ އޮތެވެ.
އެއީ ހަމަ އެކަނި ޗައިނާގެ ހާލަތު ނަމަވެސް ޗައިނާއިން ބޭރުން އެކި ގައުމުތަކުގައި ގާތްގަނޑަކަށް 50 އަށްވުރެ ގިނަ މީހުންނަށް މި ވައިރަހުގެ އަސަރު ވަނީ ކޮށްފައެވެ. ނަމަވެސް އެހެން ގައުމަކުން މި ވައިރަހުގައި އަދި މީހަކު މަރުވެފައެއް ނުވެއެވެ.
ހާލަތަށް ބަދަލެއް އައިސްފައިނުވާއިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އިއްޔެ ވަނީ ކޮރޯނާ ވައިރަހާމެދު އަޅަންޖެހޭ އެންމެހާ ފިޔަވަޅެއް އެޅުމަށް ގައުމުތަކަށް ގޮވާލާފައެވެ. ނަމަވެސް މުޅި ދުނިޔެއަށް ނުރައްކާ އޮތްކަން (Global Health Emergency) އަދި އިއުލާނުކޮށްފައެއް ނުވެއެވެ. ސިއްހަތު ޖަމިއްޔާގެ ރަސްމީ ބައްދަލުވުމެއް މިއަދަށް ތާވަލުކޮށްފައިވާއިރު އެކަން މިއަދުގެ ބައްދަލުވުމަށްފަހު އިއުލާނު ކުރާނެ ކަމުގައި ބެލެވެއެވެ.
މި ވައިރަހުގެ ގްރައުންޑް ޒީރޯ ކަމުގައިވާ ވޫހާން ސިޓީއާއި އަދި ވައިރަސް ފެތުރެމުން އަންނަ ޗައިނާގެ ސިޓީތައް ހިމެނޭހެން 20 އަށްވުރެ ގިނަ ސިޓީ ޗައިނާއިން ބްލޮކް އައުޓް ކޮށްފައިވާއިރު ބައެއް ގައުމުތަކުން އަންނަނީ އެ ގައުމަށް ނިސްބަތްވާ ރައްޔިތުން ވޫހާނާއި ޗައިނާއިން ބޭރު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމެރިކާއިން ވަނީ އިއްޔެއާއި ހަމައަށް 200 އަށްވުރެ ގިނަ މީހުން ވޫހާނުން ބޭރުކޮށްފައެވެ.
މި ނުރައްކާތެރި ވައިރަހުގެ ވާހަކަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ސަމާލުކަމަށް ޗައިނާއިން ގެނައީ ޑިސެމްބަރު 31ގައެވެ. ނަމަވެސް އޭރު މި ވައިރަސް ދެނެގަނެވިފައެއް ނުވެއެވެ. އެންމެ ފުރަތަމަ އަންދާޒާ ކުރީ މިއީ ސާރސް ވައިރަސް ކަމަށެވެ. ނަމަވެސް މި ވައިރަހުގައި އެތައް ބަޔަކު މަރުވި ފަހުން، 7 ޖަނަވަރީ ގައި، މިއީ ކޮރޯނާގެ ވައްތަރެއް ކަން ދެނެގަނެވި ނޮވެލް ކޮރޯނާ ވައިރަހުގެ ނަން މި ވައިރަހަށް ވަނީ ދީފައެވެ.
ކޮރޯނާ ވައިރަހަށް ރާއްޖެވެސް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން އެންޓްރީ ޕޮއިންޓްތަކުގައި ތާމަލް ކެމެރާ ހަރުކޮށް ރާއްޖެ އެތެރެވާ ފަތުރުވެރިން އަންނަނީ މޮނީޓަރ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް