ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ ސިއްޙީ ހާލުކޮޅު ހުރި ގޮތުން އޭނާ ގޭ ބަންދަށް ބަދަލު ކުރުމަށް ހައިކޯޓުން ކުރި އަމުރު ތަންފީޒު ނުކުރުމަށް ސުޕްރީމް ކޯޓުން އެންގުމުން އަދީބު އަނބުރާ ޖަލަށް ގެންގޮސްފިއެވެ.
އަދީބުގެ ސިއްޙީ ހާލުކޮޅު ހުރި ގޮތުން ގޭ ބަންދުގައި ބަހައްޓައި ދިނުމަށް އޭނާގެ ޢާއިލާއިން ތަކުރާރުކޮށް ގޮވާލަމުން އަންނައިރު، ހައިކޯޓުން އަދީބު ގޭބަންދަށް ބަދަލުކުރުމަށް އަމުރުކުރީ ޝަރީޢަތުގެ މަޖިލީހުގައި އެކަމަށް ދަޢުލަތުން ދެކޮޅު ހަދަމުން ދަނިކޮށެވެ.
އަދީބުގެ މައްސަލަ ހައިކޯޓުގައި ބައްލަވަމުން ގެންދަވާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާޤުން، ގޭބަންދަށް ބަދަލު ކުރަން ނިންމާފައިވީ ނަމަވެސް، 24 ގަޑިއިރުވެސް ނުވަނީސް ވަނީ އަނބުރާ ޖަލަށް ގެންގޮސްފައެވެ.
މިކަމާ ގުޅިގެން އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދީބުގެ ކަރުގައި ވާގަނޑެއް އެލުވައިގެން ދަމާހެން ނުދެމުމަށް އެދޭ ކަމަށާއި، އަދި އެގޮތަށް ކަންތައް ނުކޮށް އަދީބަށް މިބިމުގައި އެއްވެސް އިންސާނީ ހައްޤެއް ނެތް ކަމަށް ދަޢުލަތުން ވިދާޅުވެ ދެއްވުންވެސް މާ ރަނގަޅު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް