މެންޗެސްޓާ ސިޓީއާއެކު ކޯޗު ޕެޕް ގާޑިއޯލާ ނުކުތް 100 ވަނަ މެޗުގައި، ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން 2-1 އިން ސިޓީ ބަލިވެ، ލީގުގައި ހޯދުމުގެ ރޭހުގައި ފަހަތަށް ފިޔަވަޅެއް އަޅައިފިއެވެ.
ރޭގެ މެޗު ފެށިގެން އެންމެ 24 ސިކުންތުގެ ތެރޭގައި ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ކާމިޔާބު ކުރި ލަނޑާއެކު ގާޑިއޯލާގެ 100 ވަނަ މެޗުން ސިޓީއަށް ފަސޭހަ މޮޅެއް ލިބޭނެ ކަމަށް ބެލެވުނެވެ. އެެހެނަސް 100 އަކުން 74 ވަނަ މޮޅު ހޯދުމަށް ލިބުނު ފުުރުސަތުގައި ގާޑިއޯލާގެ ސިޓީއަށް އެކަން ކާމިޔާބެއް ނުކުރެވުނެވެ.
މި މެޗަށް ނުކުތްއިރު، އެންމެ ފަހުން ސިޓީއާ ދެކޮޅަށްް ކުޅުނު 22 މެޗުން 19 ބައްޔާއި 3 އެއްވަރާއެކު އޮތް ނިއުކާސަލް އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ދެވަނަ ހާފު ފެށިގެން މެޗުގެ 66 ވަނަ މިނޓުގައެވެ. ނިއުކާސަލް އިން އުފެއްދި ހަމަލާއެއްގައި ވާއަތް ފަރާތުން ސިޓީގެ އޭރިޔާގެ ތެރެއަށް ހުރަސްކޮށްލި ބޯޅަ ހޭޑެން ބޮލުން ގޯލާ ދިމާލަށް ޖައްސާލިއިރު، ރޮންޑޮން ވަނީ ސިޓީގެ ކީޕަރ އެޑާސަންއަށް އެއްވެސް ފުރުސަތެއް ނުދީ ބޯޅަ ގޯލަށް ފޮނުވާލާފައެވެ.
ބަދަލުތަކަކާއެކު ސިޓީން މެޗުގެ ނަތީޖާ އެ ޓީމްގެ ކޮޅަށް އަނެއްކާ ވެސް އަނބުރާލަން މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބު ނުވިއިރު، ނިއުކާސަލް އިން ލީޑު ނެގީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. 78 ވަނަ މިނިޓުގައި ފެނާންޑީނިއޯ އޭރިޔާގެ ތެރެއިން ކޮންޓްރޯލް ކޮށްލި ބޯޅަ ނިއުކާސަލްގެ ލޯންގްސްޓާފް ޖަހައިގަންއިރު، އެ ބޯޅަ އަލުން ލިބިގަތުމަށް ފެނާންޑީނިއޯ ޓެކުލް ކުރިއިރު، ޓެކުލް ކުރެވުނީ ބޯޅައިގެ ބަދަލުގައި ކުޅުންތެރިޔާއަށެވެ. ނަތީޖާއެއްގެ ގޮތުން ރެފްރީ ދިން ޕެނަލްޓީއިން ނިއުކާސަލްއަށް ލީޑު ހޯދައިދިނީ ރިޗީއެވެ.
މި ބައްޔާއެކު ސިޓީއަށް ލީގު ރޭހުގައި ހުރަސްތަކެއް ކުރިމަތިވާނެއެވެ. މިރޭ ލިވަޕޫލް ކުޅޭ މެޗުން ލެސްޓާ އަތުން އެ ޓީމު މޮޅުވެއްޖެނަމަ، 2 ވަނައިގައި އޮތް ސިޓީގެ މައްޗަށް 7 ޕޮއިންޓްގެ ލީޑެއް ނެގޭނެއެވެ. އަނެއްކޮޅުން އިނގިރޭސި ޕްރިމިއާ ލީގުގައި މި ހަފުތާގެ މެޗުތައް ނިމުމުން ކޮންމެ ޓީމަކަށް ވެސް ބާކީ އޮންނާނީ އެންމެ 14 މެޗެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް