އޮޅުވެލި ފުށީގައި ފުލުހުން ކަސްރަތު ޕްރޮގްރާމެއް ފަށައިފި

ޅ. ނައިފަރު ޕޮލިސް ސްޓޭޝަނާއި ޅ. އޮޅުވެލިފުށި ކައުންސިލް ގުޅިގެން އެރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ” ދުޅަހެޔޮ މުޖުތަމަޢުއެއް – ކުށްމަދު ވެއްޓެއް” މިޝިއާރުގެ ދަށުން ކަސްރަތު ޕްރޮގްރާމެއް ފަށައިފި...

30 Jan 2018 | 07:06

ޅ. ނައިފަރު ޕޮލިސް ސްޓޭޝަނާއި ޅ. އޮޅުވެލިފުށި ކައުންސިލް ގުޅިގެން އެރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ” ދުޅަހެޔޮ މުޖުތަމަޢުއެއް – ކުށްމަދު ވެއްޓެއް” މިޝިއާރުގެ ދަށުން ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދެއްވާގޮތުގައި މި ޖަނަވަރީ 28 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ކުރިޔށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި، ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ކަސްރަތުގެ މުހިންމުކަމާއި ކަސްރަތު ކުރާނެ ރަނގަޅު ގޮތްތަކާއި، ކެއިން ބުއިމުގެ އާދަތައް ބަހައްޓާނޭ ރަނގަޅު ގޮތްތަކުގެ މަޢުލޫމާތާއި، ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ޓްރެފިކް އެވެއަރނެސް ސެޝަންތަކާއި ޤާނޫނުތަކަށް އަހުލުވެރިކުރުމަށް މަޢުލޫމާތު ދިނުމުގެ އިތުރުން ދަރިން ތަރުބިއްޔަތުކުރުމުގެ ހުނަރުތަކާއި ކުޑަކުދިންކުރާ ކުށްތަކާއި  އެ ކުށްތަކުން ދަފަރާ ކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ޕްރޮގްރާމުގެ ބައިވެރިންނަށް މަޢުލޫމާތު ދެވޭނެއެވެ.

އޮޅުވެލިފުށި ބަނދަރު ސަރަޙައްދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި މޫދު ކަސްރަތު ކުލާސްތަކެއްވެސް ކުރިއަށް ގެންދާއިރު  ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ފައިދާހުރި ކާނާ ބޭނުންކުރާނެ ގޮތްތަކާއި ސަމާލުވާން ޖެހޭ ކަންކަމާ ގުޅޭގޮތުން ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދު ދިނުމުގެ ކުލާސްތަކެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމުގައި ފުލުހުން ހާމަކުރައްވަ އެވެ.

ފުލުހުން އިތުރަށް ހާމަކުރެއްވި ގޮތުގައި ޅ. އޮޅުވެލިފުށީގައި ދިރިއުޅޭ 18 އަހަރުން މަތީގެ 46 އަންހެން ބައިވެރިންނާއި 08 ފިރިހެން ބައިވެރިންނާއި އެކު ޖުމްލަ 54 ބައިވެރިން މިޕްރޮގްރާމްގައި ބައިވެރިވެފައިވާއިރު  އިންސްޓަކްޓަރުންގެ ގޮތުގައި މި ޕްރޮގްރާމްގައި ހަރަކާތްތެރިވަނީ ޅ. ނައިފަރު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން މިފަދަ ޕްރޮގްރާމް ހިންގުމުގެ ތަމްރީން ލިބިފައިވާ ފުލުހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް