މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ދ.ކުޑަހުވަދޫއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފިއެވެ.
ޖެންޑަރ މިނިސްޓްރީން މައުލޫމާތު ދެއްވާގޮތުގައި، ޖަނަވަރީ 28 އިން 29 އަށް ކުރެއްވި މި ދަތުރުފުޅުގައި، ދ.ކުޑަހުވަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކުރައްވައި، އެ ސެންޓަރުން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން، ސެންޓަރުގެ މުވައްޒަފުންނާ މިނިސްޓަރ މަޝްވަރާކުރެއްވިއެވެ.
"ދ.ކުޑަހުވަދޫއަށް ކުރެއްވި މި ދަތުރުފުޅުގައި، ދ.އަތޮޅު ކައުންސިލާއި، ދ.ކުޑަހުވަދޫ ކައުންސިލްގެ މެންބަރުންނާ ވެސް މިނިސްޓަރ ބައްދަލުކުރެއްވި. އަދި ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އެ މުއައްސަސާތަކާ ގުޅިގެން މިނިސްޓްރީން ކުރިއަށް ގެންދެވިދާނެ ހަރަކާތްތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެއްވި، އަދި، ދ.އަތޮޅުގައި ޤާއިމްކުރެވިފައިވާ ރީޖަނަލް ކޮމާންޑް ޕޮލިސް ސްޓޭޝަންގެ ބޭފުޅުންނާ ވެސް ބައްދަލުކުރައްވައި، ގުޅިގެން ކުރިއަށް ގެންދެވޭނެ ހަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި" ޖެންޑަރ މިނިސްޓްރީން ހާމަކުރައްވަ އެވެ.
މީގެ އިތުރުން، ދ.އަތޮޅު ހޮސްޕިޓަލަށް މިނިސްޓަރ ޒިޔާރަތްކުރައްވައި، އެ ހޮސްޕިޓަލްގެ މެނޭޖްމަންޓާއި، ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށްގެން މިނިސްޓްރީން ކުރިއަށް ގެންދިޔަ ރަންވޭލާ ކެމްޕޭންގެ ހެލްތު ސްކްރީނިންގ ޕްރޮގްރާމްގެ ބައިވެރިންނާ ބައްދަލުކުރެއްވި ކަމުގައިވެސް އެ މިނިސްޓްރީން ހާމަކުރައްވަ އެވެ.
އެ މިނިސްޓްރީން އިތުރަށް ވިދާޅުވީ މިނިސްޓަރގެ މި ދަތުރުފުޅަކީ، ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށްގެން މިނިސްޓްރީން ކުރިއަށް ގެންދާ ރަންވޭލާ ކެމްޕޭންގެ ތެރެއިން ދ.އަތޮޅާއި ތ.އަތޮޅުގައި މަސައްކަތްކުރާ ޞިއްޙީ އަދި އިޖްތިމާޢީ ޚިދުމަތްތެރިންނަށް ހިންގި ޚާއްޞަ ޓްރޭނިންގ ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށްޓަކައި ކުރެއްވި ދަތުރުފުޅެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް