ރޯމާގެ އެޑިން ޖެކޯ ހޯދުމަށް ޗެލްސީން ކުރަމުން އަންނަ މަސައްކަތަށް އަލިމަގެއް ނުފެނި، ޖެކޯ ލިބުމުގެ އުންމީދު ފަނޑުވުމާއެކު ޗެލްސީން އެހެން ބައެއް ކުޅުންތެރިންނަށް ފާރަލާން ފަށައިފިކަމަށް ރިޕޯޓްތައް ބުނެފިއެވެ. މިގޮތުން ޖެކޯ ނުލިބިއްޖެނަމަ އާސެނަލްގެ ފޯވާޑް އޮލިވިއާ ޖިރޫ ނުވަތަ ޓޮޓެންހަމްގެ ފެނާންޑޯ ލޮރެންޓޭ ހޯދުމަށް މަސައްކަތް ކުރާނެކަމަށް ބެލެވެއެވެ.
ރޯމާގެ އެޑިން ޖެކޯ އާއި އެމާސަން ވެސް ޗެލްސީއަށް ބަދަލުވުމާ ގާތަށް ދިޔަނަމަވެސް ޖެކޯގެ ޓްރާންސްފާ މި ވަގުތު ވަނީ މަޑުޖެހިފައެވެ. ޗެލްސީ އާއި ރޯމާ އަދި އެޑިން ޖެކޯއަށް އެއްބަސްވުމަކަށް އަދި އާދެވިފައެއް ނުވެއެވެ. އެހެންނަމަވެސް ޗެލްސީން އަދިވެސް ޖެކޯ ލިބޭނެކަމަށް އުންމީދު ކުރާކަމަށް ރިޕޯޓްތައް ބުނެއެވެ.
ޗެލްސީ ޖިރޫ ގެންނަން މަސައްކަތް ކުރާނެކަމަށް ބެލެވޭއިރު، އާސެނަލްއިން އަންނަނީ ބްރޫޝިއާ ޑޯޓްމަންޑްގެ ފޯވާޑް އެމެރިކް އޮބަމަޔަންގް އަށް ފާރަލަމުންނެވެ. އެހެންކަމުން އޮބަމަގަންގް ލިބިއްޖެނަމަ އާސެނަލުން ވެސް ޖިރޫ ދޫކޮށްލަން އެއްބަސް ވާނެކަމަށް ބެލެވެއެވެ. އަނެއްކޮޅުން ޗެލްސީން އާ ސްޓްރައިކަރެއް ލިބުނުހާ އަވަހަކަށް ބަޓްޝުއާއީ ލޯނަށް ދޫކޮށްލަން ތައްޔާރުގައި ތިބިއިރު، އޭނާ ގުޅޭނެކަމަށް ބެލެވެނީ ޑޯޓްމަންޑް އާއެވެ. އެހެންކަމުން ޖިރޯއަށް ކްލަބް ބަދަލުކުރަން ފުރުސަތު ފަހިވެ، ޕްރިމިއާ ލީގުގެ ޗެމްޕިއަނުންނާ ގުޅުމަށް ފަސޭހަވެގެން ދާނެއެވެ.
ޖެކޯ ނުލިބިއްޖެނަމަ ޗެލްސީން ގެންނަން ފާރަލާ އަނެއް ކުޅުންތެރިއަކީ ޓޮޓެންހަމްގެ ސްޓްރައިކަރ ލޮރެންޓޭއެވެ. ލޮރެންޓޭއަށް މި ސީޒަންގައި ޓޮޓެންހަމްއާއެކު މިހާތަނަށް ކުޅެން ލިބުނީ އެންމެ 13 މެޗެވެ. އޭގެތެރެއިން ވެސް ފުރަތަމަ އެގާރާގައި ކުޅެން ނުކުތީ އެންމެ މެޗެއްގައެވެ. އެހެންކަމުން މިހާރަށްވުރެ ކުޅެން ލިބޭ ވަގުތު އިތުރު ކުރުމަށް ލޮރެންޓޭ ވެސް ކްލަބް ބަދަލު ކުރަން ބޭނުންވާނެކަމަށް ބެލެވޭއިރު، ޗެލްސީން ބޭނުން ވެއްޖެނަމަ ލޮރެންޓޭ ހޯދުން އުނދަގޫ ވާނެކަމަކަށް ނުބެލެވެއެވެ.
ޖެކޯގެ ޓްރާންސްފާ ހުއްޓުމަކަށް އައި ނަމަވެސް އެ ޓީމުގެ އެމާސަން ޗެލްސީއަށް ބަދަލުވުމުގެ ކަންތައްތައް ވަނީ ގާތްގަނޑަކަށް ނިމިފައެވެ. ޗެލްސީގެ މެޑިކަލްގެ ކަންތައްތައް އެމާސަންއަށް ފުރިހަމަ ކުރެވުނުހާ އަވަހަކަށް، 17.5 މިލިޔަން ޕައުންޑްގެ އަގެއްގައި އެމާސަން އެ ޓީމާ ގުޅޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް