ޕީއެސްޖީގެ ލޫކަސް މޯރާ ޓޮޓެންހަމްއާ ގުޅެނީ؟

ޕީއެސްޖީގެ އަރިމަތިން ކުރިއަށް ކުޅޭ (ވިންގާ) ލޫކަސް މޯރާ ޓޮޓެންހަމްއަށް ބަދަލުވުމަށް ލަންޑަނަށް ދަތުރު ކޮށްފިއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ލޫކަސް މޯރާ ޓޮޓެންހަމްއަށް ބަދަލުވަނީ 25 މިލިޔަން ބްރިޓިޝް ޕ...

30 Jan 2018 | 02:36

ޕީއެސްޖީގެ އަރިމަތިން ކުރިއަށް ކުޅޭ (ވިންގާ) ލޫކަސް މޯރާ ޓޮޓެންހަމްއަށް ބަދަލުވުމަށް ލަންޑަނަށް ދަތުރު ކޮށްފިއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ލޫކަސް މޯރާ ޓޮޓެންހަމްއަށް ބަދަލުވަނީ 25 މިލިޔަން ބްރިޓިޝް ޕައުންޑްގެ ޓްރާންސްފާ އަގަކަށެވެ.

ކުޅެން ލިބޭ ފުރުސަތުތައް މަދުވުމާއެކު ބްރެޒިލްގެ މި ކުޅުންތެރިޔާ ޕީއެސްޖީ ދޫކޮށްލަން ބޭނުންވާ ކަމުގެ އަޑުތައް ކުރިއްސުރެ އޮތީ ގަދަވެފައެވެ. އަދި މި ޖެނުއަރީގެ ޓްރާންސްފާގެ ބާޒާރުގެ ތެރޭގައި އާސެނަލް، މެންޗެސްޓާ ޔުނައިޓެޑް ފަދަ ކުލަބަކަށް ބަދަލު ވެދާނެކަމަށް ވެސް އަޑުތައް އެރިއެވެ.

ޔުނައިޓެޑުން، ލޫކަސްއަށް ލަފާއަރުވާ ފަރާތްތަކާ މި މަހުގެ ތެރޭގައި ބައްދަލުކޮށް ޝައުޤުވެރިކަން ފާޅުކޮށްފައިވަނިކޮށް، އިނގިރޭސި ލީގުގެ ވާދަވެރި ޓޮޓެންހަމް މިވަނީ ލޫކަސް ހޯދުމުގެ ރޭހުގެ ކުރި ހޯދާފައެވެ. ރިޕޯޓްތައް ބުނާ ގޮތުންނަމަ މިއަދު ލޫކަސް ޓޮޓެންހަމްއާއެކު މެޑިކަލް ޓެސްޓްތައް ހެދުމަށްފަހު ޓޮޓެންހަމްއާ ގުޅުނުކަން ރަސްމީކޮށް ވަރަށް އަވަހަށް އިޢުލާނު ކުރާނެއެވެ.

ޕީއެސްޖީއިން ބޮޑު އަގުގައި ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަ ކުރުމާއެކު ކުޅެން ލިބޭ ފުރުސަތު މަދުވުމުން ލޫކަސް މީގެކުރިން ވެސް ހުރީ ކްލަބް ބަދަލުކުރަން ބޭނުން ވެފައެވެ. މި ސީޒަންގައި ހުރިހާ މުބާރާތަކުން ލޫކަސްއަށް ކުޅެން ލިބުނީ އެންމެ 6 މެޗެވެ. ކުރިން ސައޮޕޯލޯއަށް ކުޅުނު ލޫކަސްއަށް އެންމެ ފަހުން ކުޅެން ލިބުނީ މިދިޔަ ޑިސެމްބަރު މަހު ފުރެންޗް ކަޕްގައި ޕީއެސްޖީ ސްޓްރެސްބާގް އާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

މިމަހުގެ ތެރޭގައި 25 އަހަރުގެ ލޫކަސް ވަނީ ޕީއެސްޖީ ދޫކޮށް ދާން ބޭނުންވާ ކަމަށާއި، އިނގިރޭސި ކްލަބަކަށް ބަދަލުވާން ބޭނުންވާކަމަށް ކުރިން ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް