މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އޮފް މޯލްޑިވްސް" ރިޕޯޓުގައި ނުރަނގަޅު ކަންކަން ހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީއެންގެ ރިޕޯޓުގައި އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބަދުބަސް ބުނެފައިވާ ކަމަށްބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އަންނަނީ ފާޅުގައި އެ ޖަމިއްޔާ އުވާލާ އެ ޖަމިއްޔާގެ ވެރިންނާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީއެންއިން ނެރެފައިވާ ރިޕޯޓު އެމަނިކުފާނުވެސް ވިދާޅުވެފައިވާ ކަމަށާއި އެ ރެިޕޯޓުގައި ނުރަނގަޅު ކަންތައްތަކެއް އެބަހުރި ކަމަށެވެ. ނަޝީދު ވިދާޅުވީ އޭގެތެރެއިން އެއްކަމަކީ މާތްﷲ އާއި ކީރިތި ރަސޫލާއާ ބެހޭގޮތުން އެކަށީގެން ނުވާ ބަސްތަކެއް ގެނެވިފައިވުން ކަމަށެވެ. އަދި އެފަދަ ކަމަކީ މުސްލިމުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
https://twitter.com/MohamedNasheed/status/1180742060522885121?s=20
ނަޝީދު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ އިސްލާމްދީނާއި ގުޅޭގޮތުން ލިޔުއްވާފައިވާ ވާހަކަތަކަކީ ދީން ދެނެވަޑައިގަންނަވާ ބޭފުޅުން ބަހުސް ކުރައްވާ ނުކުތާތައް ކަމަށެވެ. އަދި އެފަދަ ކަންކަމާއި އާއްމު މީހުން ވާހަކަ ދެއްކުން ރަނގަޅެއް ނުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
https://twitter.com/MohamedNasheed/status/1180742063114973185?s=20
ނަޝީދު މިފަދައިން ވިދާޅުވި ނަމަވެސް ރޭ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވަނީ އެމްޑީއެންގެ އެ ރިޕޯޓު ދިފާއު ކުރައްވާފައިވާ މޭރުމަކުން ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ވއިސްލާމްދީނަކީ އެންމެ މާތް އަދި އެންމެ ތަހުޒީބު ދީން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ސިޔާސީ ފުރުސަތު ހޯދުމަށްޓަކައި އިސްލާމްދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަކީ އެންމެ ބޮޑަށް އިސްލާމްދީނަށް ފުރައްސާރަ ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު އެފަދައިން ރޭ ވިދާޅުވުމުން ގިނަބަޔަކު ނަޝީދަށް ދިޔައީ ފާޑު ކިޔަމުންނެވެ. އޭގެތެރޭގައި އިދިކޮޅު ބައެއް މަޖިލިސް މެންބަރުންވެސް ހިމެނިވަޑައިގަންނަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް