ވެކްސިންގެ ބޫސްޓާ ޑޯޒު ޖެހި މީހުންގެ އަދަދު 10،000 މައްޗައް

ކޮވިޑް-19 އިން ދިފާއު ވުމަށްޓަކައި ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒު (ބޫސްޓާ ޑޯޒު) ޖެހި މީހުންގެ އަދަދު ރާއްޖެއިން 10،331 އަށް އަރައިފި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްފީއޭ) އިން ވިދާޅުވެއްޖެއެ...

29 Nov 2021 | 18:43

ކޮވިޑް-19 އިން ދިފާއު ވުމަށްޓަކައި ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒު (ބޫސްޓާ ޑޯޒު) ޖެހި މީހުންގެ އަދަދު ރާއްޖެއިން 10،331 އަށް އަރައިފި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްފީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން އެންމެ ފަހުން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާރު ކުރިއަށް ގެންދާ ޤައުމީ ވެކްސިން ޕްރޮގްރާމްގެ ތެރެއިން މިމަހުގެ 28 ވީ އާދީއްތަ ދުވަހުގެ ނިޔަލަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ އަދަދު ވަނީ 395،672 އަށް އަރާފައެވެ.

އާދީއްތަ ދުވަހު 50 މީހަކު ވަނީ ކޮވިޑް ވެކްސިންގ ފުރަތަމަ ޑޯޒު ޖަހާފައެވެ. މީގެ ތެރެއިން 35 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިންގް ފުރަތަމަ ޑޯޒު ފުރިހަމަ ކުރި މީހުންނެވެ. އަތޮޅު ތަކުން އެދުވަހު ވެކްސިންގް ފުރަތަމަ ޑޯޒު ޖެހީ  15 މީހުނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވެކްސިންގް ދެވަނަ ޑޯޒު އާދީއްތަ ދުވަހު 270 މީހަކު ޖަހާފައިވެއެވެ. މީގެ ތެރެއިން 198 މީހަކު ވެކްސިންގެ ދެވަނަ ޑޯޒު ޖަހާފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅުތަކުން އެ ދުވަހު ވެކްސިންގެ ދެވަނަ ޑޯޒު ޖެހީ 72 މީހުނެވެ. މިއާއެކު ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ  363،580 އަށް އަރާފައެވެ.

މީގެ އިތުރުން، ވެކްސިންގެ ބޫސްޓަރ ޑޯޒު އާދީއްތަ ދުވަހު ފުރިހަމަ ކޮށްފައި ވަނީ 773 މީހުންނެވެ. އޭގެ ތެރެއިން 368 މީހުން ވެކްސިންގެ ބޫސްޓަރ ޑޯޒު ފުރިހަމަ ކޮށްފައި ވަނީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅުތަކުން އެ ދުވަހު ވެކްސިންގެ ބޫސްޓަރ ޑޯޒު ފުރިހަމަ ކޮށްފައި ވަނީ 405 މީހުނެވެ. މިއާއެކު ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ  10،000 އަށް އަރާފައެވެ.

ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒު އެޗްޕީއޭއިން ވަނީ 50 އަހަރުން މަތީގެ މީހުންނަށާއި، ދިފާޢީ ނިޒާމު ބަލިކަށި މީހުންނަށާއި ޕްރޮންޓް ލައިންގައި މަސައްކަތް ކުރައްވާ ސިއްޚީ ޚިދުމަތްތެރިންނަށް އަމާޒު ކޮށްގެން ޖަހާފައި އެވެ.

ދެކުނު އެފްރިކާ އިން އަލަށް ފެނުނު ކޮވިޑްގެ ވޭރިއަންޓް އޮމިކްރޯން އާއި ދެކޮޅަށް ދިވެހި ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ފްރޮންޓްލައިންގައި މަސައްކަތް ކުރައްވާ ހިދުމަތްތެރިންގެ އިތުރުން ޓޫރިޒަމް ސެކްޓަރގެ މުވައްޒަފުންނަށް މި ހަފްތާގެ ތެރޭގައި ބޫސްޓަރ ޑޯޒު ދޭން ފަށާނެ ކަމަށާއި، އަދި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޫސްޓަރ ޑޯޒު ޖަހަން ފަށާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެފައި ވެއެވެ.

ބޫސްޓަރ ޑޯޒުގެ ވެކްސިން ފުރިހަމަ ކުރާ ފަރާތްތަށް ވާން ވާނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒާއިި ދެވަނަ ޑޯޒުު ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ދިނުމަށް ބޭނުންކުރަނީ ސިނޮފާމް، އެސްޓްރަޒެނިކާ އަދި ފައިޒާ ވެކްސިނެވެ. ކޮވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒުގެ ގޮތުގައި ޖަހަން ނިންމާފައިވަނީ ފައިޒާ ވެކްސިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް