ރާއްޖޭގެ ކޮންމެ ރަށެއްގެ ސިއްހީ މަރުކަޒުންވެސް މަސްތުވާތަކެތި ބޭނުން ކުރާ މިހުންނަށް ދޭ ޑިޓޮކްސް ފަރުވާގެ ޚިދުމަތް ލިބޭނެ ގޮތް ހަދަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިއީ 2020 ވަނަ އަހަރު ނެޝަނަލް ޑްރަގް އެޖެންސީން (އެންޑީއޭ) ރިފޯމް ކުރުމަށް އެދި މަޖިލީހަށް ހުށަހަޅާފައިވާ "ޗޭންޖް އެންޑީއޭ 2020" ޕެޓިޝަން، ޕެޓިޝަން ކޮމިޓީން ދިރާސާ ކުުރުމަށްފަހު އެކުލަވާލި ރިޕޯޓުގައި ހުށަހަޅާފައިވާ އިސްލާހެކެވެ.
އެގޮތުން އެ ރިޕޯޓުގައިވާ ގޮތުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ދޭ ފަރުވާގެ ނިޒާމް ލާމަރުކަޒު ކުރުމަށް ލަފާދީފައިވެއެވެ.
މިގޮތުން ރާއްޖޭގައި މަސްތުވާތަކެތީގެ އާބާދީގެ ނިސްބަތަށް ބަލައި ކޮންމެ ރަށެއް ސިއްހީ މަރުކަޒެއްގައި މެތަޑޯން ފަރުވާ އާއި ޑިޓޮކްސްގެ ފަރުވާ ދެވޭނެ އިންތިޒާމް ގާއިމު ކުރުން ހިމެނެއެވެ.
އެންޑީއޭގެ ދަށުން ޚިދުމަތް ފޯރުކޮށްދެމުންދާ މަރުކަޒުތައް ލާމަރުކަޒުކޮށް މަސްތުވާތަކެތީގެ އާބާދީގެ ނިސްބަތަށް ބަލައި ޑްރަގް ކޯޓުގެ މަސައްކަތް ލާމަރުކަޒު ކުރަން ވެސް ލަފާ ދީފައި ވެއެވެ.
މީގެއިތުރުން އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ އިތުރު ހުށަހެޅުންތަކަކީ، އެންޑީއޭ އަދި ޑްރަގް ކޯޓަށް މިވަގުތަށް އެންމެ ބޭނުންވާ މުވައްޒަފުންނާއި ވަސީލަތްތައް ވީހާވެސް އަވަހަށް ހަމަޖައްސައިދިނުން ހިމެނެއެވެ. ކަސްޓަމްސްގެ ބޯޑާ މެޝިންތަކާއި ސާމާނުތައް ޒަމާނީ ކުރުމާއިި އެކު، ވަޒީފާގެ ފުރުސަތުތަކާއި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ.
ޤާނޫނާއި ޤަވާއިދުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމާއި އެކު، އެންޑިއޭގެ ޕާފޯމަންސް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުން ހިމެނެއެވެ. އަދި ވެރިކަން ބަދަލުވިޔަސް ބަދަލުނުވަ ފަދަ މާސްޓާ ޕޮލިސީއެއް މަސްތުވާތަކެއްޗާ ދެކޮޅަށް އެކުލަވާލުމާއި މަސްތުވާތަކެތި ވިއްކާ ބިދޭސީން އަވަހަށް ޑީޕޯޓުކުރަން އެންގުން ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް