އަރަބިއްޔާ ސްކޫލް އިމާރާތުގައި ދިމާވެގެން އުޅެނީ މިކުންފުނީގެ މަސައްކަތުގެ ފެންވަރު ދަށްވެގެން ދިމާވެފައިވާ ކަމެއް ނޫންކަމުގައި އެލްއެފް ކޮންސްޓްރަކްޝަނުން ބުނެފިއެވެ.
އެ ކުންފުނިން މިހެން ބުނެފައިވަނީ މިކަމާއި ގުޅޭގޮތުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ އެ ކުންފުނީގެ ފަރާތުން މިހާތަނަށް ގިނަ އަދަދެއްގެ ސަރުކާރުގެ އިމާރާތްކުރުމުގެ ޕްރޮޖެކްޓްތަކުގެ މަސައްކަތް ކޮށް ނިންމާފައިވާއިރު މިފަދަ ސްޓްރަކްޗަރަލް މައްސަލައެއް ދިމާވެފައެއް ނުވާކަމަށާއި އެ ކުންފުނީގެ މަސައްކަތްތައް ކުރިޔަށް ގެންގޮސްފައިވާނީ އެޕްރޮޖެކްޓަކާއި ހަވާލުވެހުންނަ ޕްރޮޖެކްޓްގެ އެމްޕްލޯޔަރގެ ބެލުމާއި ފެނުމުގެ ތެރެއިން އެޕްރޫވަލް ލިބިގެން ކަމަށެވެ
"އެހެންކަމުން އަރަބިއްޔާ ސްކޫލް އިމާރާތުގައި ދިމާވެގެން އުޅެނީ މިކުންފުނީގެ މަސައްކަތުގެ ފެންވަރު ދަށްވެގެން ދިމާވެފައިވާ ކަމެއް ނޫންކަން މިކުންފުނިން ފާހަގަކުރަމެވެ." އެލްއެފްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ކުންފުނިން ބުނެފައިވަނީ އަރަބިއްޔާ ސްކޫލުގެ އިމާރާތްކުރުމާއި ހަވާލުވިއިރު މަސައްކަތުގެ ފައުންޑޭޝަން އެހެން ކުންފުންޏަކުން ވަނީ ނިންމާފައި ކަމަށާއި، މިގޮތުން ފައުންޑޭޝަން އަޅާފައި ހުރީ ކުރެހުމާއި އެއްގޮތަށް ނޫންކަމުން އެކަން ޕްރޮޖެކްޓުގެ އެމްޕްލޯޔަރ ކަމުގައިވާ އޮފީސް އޮފް ޕްރޮޖެކްޓްސް އެންޑް ޕްރޮގްރާމްސްގެ ސަމާލުކަމަށް ގެނައި ކަމަށެވެ .
"މިކަމުގެ ސަބަބުން މަސައްކަތް ނުފެށި މަހެއްހާދުވަސް ހޭދަވުމަށްފަހު މިކަމަށް ގޮތެއް ޕްރޮޖެކްޓްގެ އެމްޕްލޯޔަރ ނިންމައި، އެފަރާތުގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރިއަށް ގެންގޮސްފައިވާނީ އިމާރާތުގެ ކޮލިޓީ ޓެސްޓްކުރުމަށް ހަދަންޖެހޭ ޓެސްޓްތައް ހަދައި، ދީފައިވާ ޑިޒައިންއާއި އެއްގޮތަށެވެ. އަރަބިއްޔާ ޕްރޮޖެކްޓަކީ ސަރުކާރުން ވަރަށް ބާރު ސްޕީޑުގައި ނިންމުމަށް ޕްރެޝަރ ކުރަމުން ދިޔަ ޕްރޮޖެކްޓެއް ނަމަވެސް، ޕްރޮޖެކްޓްގެ ކުރެހުމާއި ބީއޯކިއުގެ ބައެއް އައިޓަމްތަކާއި ދިމާނުވުމާއި، އާކިޓެކްޗަރަލް އާއި ސްޓްރަކްޗަރަލް ކުރެހުންތަކުގައި ފުށުއެރުންތަކެއް ހުރުމުގެ ސަބަބުން އެތައް މަސައްކަތްތަކެއް ކުރަމުންދަނިކޮށްވެސް މަޑުޖައްސާލަންވެސް ޖެހުނެވެ." އެލްއެފްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ ކުރެހުންތަކުގައި ހުރި މައްސަލަތައް ގިނަކަމުން އެކިފަހަރުމަތިން ކުރެހުންތަކަށް ޕްރޮޖެކްޓް އެމްޕްލޯޔަރ ބަދަލު ގެނެސްފައިވާކަމަށާއި މިނޫނަސް އިމާރާތުގެ ޑިޒައިން ގައި އެކި ވަރުވަރުގެ މައްސަލަތައް ހުރުމުގެ ސަބަބުން މަސައްކަތް ކުރިޔަށް ގެންގޮސްފައިވާނީ އެކަންތައްތަކަށް ޕްރޮޖެކްޓްގެ އެމްޕްލޯޔަރގެ ލަފަޔާއި އިރުޝާދުގެ ދަށުން ގަވާއިދާއި އެއްގޮތަށް ކަމަށެވެ.
އިމާރާތުގެ ކޮންކްރީޓް ބީމްތަކުންނާއި، ސްލެބްއިން، އަދި އެހެނިހެން ކޮލަމްތަކުން މިވަރުގެ މައްސަލަތަކެއް ފެންނަން ނެތްއިރު، ހަތަރު ވަނަ ފްލޯއިން މަތީގެ ސަރަހައްދެއްގައި ހުރި އެއްވަރުގެ ކޮލަމްތަކަކުން މައްސަލަތަކެއް ފެންނަން ހުރުމުން، އިމާރާތްކުރުމަށް ދީފައިވާ ސްޓްރަކްޗަރަލް ކުރެހުން އިންޑިޕެންޑެންޓް ޕާޓީއެއް މެދުވެރިކޮށް އަލުން އެކުރެހުމުގެ ފުރިހަމަ އެނެލިސިސްއެއް ހެދުމަކީ މުހިންމު ކަމެއް ކަމުގައި އެ ކުންފުނިން ދެކޭކަމަށްވެސް ބުނެފައިވެއެވެ.
ދެވަނަ ކަމެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކޮށްފައިވާގޮތުގައި އަރަބިއްޔާ ސްކޫލުގެ ނަމާދު ކޮޓަރި އާއި ފާހާނާގައިވެސް ރެނދުލައި ފެން ލީކްވާކަމަށް ފާހަގަކޮށްފައިވާއިރު ޕްރޮޖެކްޓުގެ މަސައްކަތްނިމި ރިޓެންޝަން މުއްދަތުގައި ކުރަންޖެހުނު ހުރިހާ މަސައްކަތެއްވެސް އެ ކުންފުނިން ވަނީ ފުރިހަމަކޮށް ނިންމާފައެވެ. އިމާރާތުގެ ކުރެހުމުގައި ސިޑިގޮޅިތެރެއަށް ވާރޭވެހޭނެހެން ބޭރުފާރުތައް ރާނަން ހުރުމާއި، ޓެރަސްފުލޯގެ ސިޑިގޮޅީގައި އެއްވެސްވަރަކަށް ރާނަން ނެތުންފަދަ ކަންކަމަކީ މަސައްކަތް ކުރަމުންދިޔައިރު ކުރެހުމުގައި ފާހަގަކުރެވުނު ބޮޑެތި މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަތަކެއް ކަމަށާއި މިފަދަ މައްސަލަތައްވެސް ވާނީ ޕްރޮޖެކްޓްގެ އެމްޕްލޯޔަރގެ އިރުޝާދުގެ ދަށުން ރަނގަޅުކުރެވިފައިވާނެކަމަށްވެސް ބުނެފައިވެއެވެ.
"އިމާރާތުގެ ކޮންކުރީޓް ދިޔަދޮވީގައި ކޮންމެ ފަރާތެއްގައި ފެން ބޭލުމަށް 3" ގެ 3 ހޮޅި ޑިޒައިންގައިވާތީ، މިގޮތަށް ކުރިޔަށް ގެންގޮސްފިނަމަ ދިޔަދޮވި ފުރި އިމާރާތުގެ ތެރެއަށް ފެންގަނޑު ބަންޑުން ވާނެކަމަށާއި މިކަމަށް ގެނެވެން އޮތް ކަމަށް މިކުންފުންޏަށް ފެނުނު ހައްލު ބަޔާންކޮށް ޕްރޮޖެކްޓްގެ އެމްޕްލޯޔަރާއި ވާނީ ހިއްސާކުރެވިފައެވެ. ނަމަވެސް އިތުރު ބަދަލެއް ނުގެނެސް ކުރިޔަށް ގެންދިއުމަށް އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ވަނީ އަންގާފައެވެ. އިމާރާތް ބޭނުން ކުރަން ފެށިތާ ގިނަދުވަސްތަކެއް ނުވެ ދިޔަދޮވިފުރި އިމާރާތުގެ ތެރެވަނީ ފެންބޮޑުވެފައިވެއެވެ. "އެލްއެފުން ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ މި ޕްރޮޖެކްޓުގެ ކޮންކްރީޓް ސްޓްރަކްޗަރ އަށް ބޭނުންކޮށްފައިވަނީ އެސްޓީއޯ އިން ވިއްކާ ލަފާޖް ބްރޭންޑުގެ ސިމެންތި ކަމަށާއި މި ޕްރޮޖެކްޓްގެ ކޮންކުރީޓް ސްޓްރަކްޗަރ އަށް ފައިސާ ދޫކޮށްފައިވަނީ ކޮންކްރީޓު އަޅާއިރު ކޮންކުރީޓުގެ ފެންވަރު ބެލުމަށް ހަދާ ކިއުބް ޓެސްޓްގެ ނަތީޖާ ލިބި ޕްރޮޖެކްޓްގެ އެމްޕްލޯޔަރަށް ހުށަހެޅުމުންކަމަށެވެ. އަދި ކޮންކްރީޓް ސްޓްރަކްޗަރ އަށް ބޭނުންވާ އެންމެހާ މެޓީރިއަލްސްއެއް އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ބޭނުންކޮށްފައިވަނީ ޕްރޮޖެކްޓްގެ އެމްޕްލޯޔަރ އެޕްރޫވް ކުރުމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް