ޔޫރަޕްގެ އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ކުލަބު އިނގިރޭސި ވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗަކަމާއި ޖަރުމަނަށް އުފަން އުމުރުން 64 އަހަރުގެ ރަލްފް ރަންގްނިކް ހަވާލުވުން ވެގެން ދިޔައީ ގިނަބަޔަކަށް ހައިރާން ކަން ގެނުވި ކަމަކަށެވެ. ޔުނައިޓެޑްގެ ވަގުތީ ކޯޗުކަމާއި ރަންގްނިކް ރަސްމީކޮށް ހަވާލުވިކަން ޔުނައިޓެޑުން އިޢުލާން ކުރީ މިއަދުއެވެ. އޭނާ އެޓީމުގެ ކޯޗުކަމަށް ގެނައީ ކުރިން އެޓީމުގެ ކޯޗަކަށް ހުރި އޮލިގަނަ ސޮލްޝެއަރަ މަޤާމުން ވަކިކުރުމަށް ފަހުގައެވެ.
ރަންގްނިކް ޔުނައިޓެޑްގެ ކޯޗުކަމާއި މިއަދު ހަވާލުވިއިރު، އޭނާ އަކީ ކޮން ފެންވަރެއްގެ ކޯޗެއް ތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އަދި ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ޔުނައިޓެޑް މިހާރު އޮތް ހާލަތުން އަރައިގަތުމަށް ރަންގްނިކް އަކީ އެންމެ އެކަށީގެންވާ އަދި އެކަމަށް އެންމެ ޤާބިލް ފަރާތްތޯ ވެސް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
އުމުރުން 64 އަހަރުގެ ރަންގްނިކް އަކީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި މާ މަޤުބޫލް ކުޅުންތެރިއެއް ނޫނެވެ. ހަތް އަހަރަށް ފަހު ފުޓްބޯޅަަ ކެރިއަރު ނިންމާލި އިރު ދުނިޔޭގެ ފެންވަރުގައި ވެސް އަދި ޔޫރަޕްގެ ކުލަބް ފުޓްބޯޅައިގެ ފެންވަރުގައި ވެސް ރަނގަޅު ކާމިޔާބީއެއް އޭނާއަށް ހޯދިފައެއް ނުވެއެވެ. އެންްެމެ ކުޑަމިނުން ޖަރުމަން ގައުމީޓީމަށް މެޗެއް ކުޅެލުމުގެ ފުރުސަތުވެސް އޭނާއަށް ލިބިފައެއް ނުވެއެވެ.
ކެރިއަރުގައި ޑިފެންސިވް މިޑްފީލްޑަރ އެއްގެ މަޤާމު ފުރާފައިވާ ރަންގްނިކް ފުޓްބޯޅަ ކުޅުން ހުއްޓާލާ ކޯޗިންގެ ދާއިރާއަށް ނުކުތީ ވަރަށް ޒުވާން އުމުރުގައެވެ. ރަންގްނިކް އޭނާގެ ކޯޗިން ކެރިއަރު ފަށާފައިވަނީ އުމުރުން އެންމެ 25 އަހަރުގައެވެ.
އެގޮތުން އޭނާ އެންމެ ފުރަތަމަ ކޯޗިން ކެރިއަރު ފެށީ ޖަރުމަންގެ ދައް ފަންތީގެ ކުލަބެއް ކަމުގައިވާ އެފްސީ ވިކްޓޯރިއާ ބެކްނަންގް ނަކަމަށް ކިޔާ ޓީމަކުންނެވެ. އެހިސާބުން ފެށިގެންވެސް ރަންގްނިކް ކޯޗުކަން ކޮށްދެމުން އައީ ޖަރުމަންގެ ދައް ފަންތީގެ ޓީމުތަކަށެވެ. ރަންގްނިކް ޖަރުމަން ޕްރޮފެޝަނަލް ލީގުގެ ޓީމުތަކަށް ކޯޗުކޮށްދޭން ފަށާފައިވަނީ 2000 ވަނަ އަހަރުން ފެށިގެންނެވެ. އެގޮތުން ސްޓޫގާޓް، ހޮފެންހެއިމް، ހެނޯވާ، ޝާލްކޭ، އާރްބީ ލީޕްޒިގް އަށް ކޯޗު ކޮށްދީފައިވެއެވެ.
އެގޮތުން 2001 ވަނަ އަހަރު ޝާލްކޭގެ ކޯޗުކަމާއި ހަވާލުވެ އެޓީމަށް ޖަރުމަނު ކަޕް ކާމިޔާބުކޮށްދީފައިވެއެވެ. މީގެ އިތުރުން ޝާލްކޭ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ގެންގޮސްދިނުމުގެ އިތުރުން 2019 ވަނަ އަހަރު ޖަރުމަނު ކަޕްގެ ފައިނަލަށް އާރުބީ ލައިޕްޒިގް ގެންގޮސްދީފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް