އެލް.ޑީ.ސީ/ސިޑްސް ޓްރަސްޓް ފަންޑް ވަރކްޝޮޕް ފޮރ އޭޝިއާ ރީޖަންގައި އދ.ގެ 76 އާއްމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވާޗުއަލްކޮށް ބައިވެރިވެވަޑައިގެންފިއެވެ.
ދިވެހިރާއްޖެއާއި އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލާއި އެލް.ޑީ.ސީ/ސިޑްސް ޓްރަސްޓް ފަންޑްއިން އިންތިޒާމްކޮށްގެން ނޮވެމްބަރު 24-25 އަށް ބޭއްވި މި ވަރކްޝޮޕްގައި ބައިވެރިވެވަޑައިގަތުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމުގައި މިނިސްޓަރ ޝާހިދު ފާހަގަކުރައްވައި، މިފަދަ މުހިންމު މަސައްކަތު ބައްދަލުވުމެއް އެންމެ އެކަށީގެންވާ ވަގުތުގައި އިންތިޒާމު ކޮށްދެއްވި ކަމަށްޓަކައި، ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސްގެ އޮފީހަށާއި، ޓްރަސްޓް ފަންޑުގެ ސެކްރެޓޭރިއަޓަށް، އަދި ދިވެހި ސަރުކާރަށްވަނީ ޝުކުރުދަންނަވާފައެވެ.
ޝާހިދު އިތުރަށް ވިދާޅުވީ 2012 ވަނަ އަހަރު ޓްރަސްޓް ފަންޑް އުފެއްދުމުގައި، ހޯސްޓް ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން މުހިންމު ދައުރެއް އަދާކުރީތީ އެކަމާއި ފަޚުރުވެރިވާކަމުގައެވެ. އަދި މިފަންޑަކީ ތަމްރީނުކުރުމާއި، ފެލޯޝިޕް ޕްރޮގްރާމްތަކާއި ސަރަޙައްދީ ވަރކްޝޮޕްތަކާ ހަމައަށް، ހިއުމަން ރައިޓްސް ކައުންސިލާއި، އެ ކައުންސިލްގެ މެކޭނިޒަމްތަކުގައި އެލް.ޑީ.ސީ އަދި ސިޑްސްގެ ޤައުމުތަކުގެ ބައިވެރިވުން އަމަލީގޮތުން އޮތްކަން ސާބިތުކޮށްދީފައިވާ ފަންޑެއްކަމުގައިވެސް ޝާހިދު ފާހަގަކުރެއްވިއެވެ.
އދ. ގެ އާއްމު މަޖިލީހުގެ ރައީސްގެ އިތުރުން މި ވަރކްޝޮޕްގައި ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަހުމަދު ޚަލީލު، ހިއުމަން ރައިޓްސް ކައުންސިލްގެ 15 ވަނަ ދައުރުގެ ރައީސް ފީޖީގެ ނަޒްހަތު ޝަމީމް ޚާން އަދި ހިއުމަން ރައިޓްސް ކައުންސިލް އެންޑް ޓްރީޓީ މެކެނިޒަމްސް ޑިވިޝަންގެ ޑިރެކްޓަރ މަހަމޭން ސީސޭ-ގުރޯވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް