އެމެރިކާ ސަރުކާރުން ރާއްޖެ އާއި ސްރީލަންކާއަށް ކުރިން ކަނޑައަޅާފައި ހުންނެވި ސަފީރު އަތުލް ކެޝަޕަށް މަރުގެ އިންޒާރު ދިންކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ދިވެއްސަކު 27،800 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
މި މައްސަލައިގަ ދައުލަތުން ދައުވާ އުފުލީ އައްޑޫ ސިޓީ މީދޫ، އަބްލައީވާދީ އަހުމަދު ރަޝީދާއި ދެކޮޅަށެވެ. އޭނާ ކުރީގެ ސަފީރު ކެޝަޕަށް އިންޒާރު ދީފައިވަނީ 2018 ވަނަ އަހަރު ޖޫންގައި ޓުވިޓާ މެދުވެރިކޮށެވެ.
އޭނާގެ މައްޗަށް ދައުލަތުން އުފުލީ ބިރު ދެއްކުމުގެ ދައުވާ އެވެ.
މި މައްސަލައިގަ ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ކެޝަޕް އާއި އޭނާގެ އާއިލާ މަރާލާނެ ކަމަށް ބުނެ ރަޝީދު ޓްވީޓްކުރި ކަން ހެކިތަކުން ސާބިތުވާ ކަމަށެވެ. އަދި އެ ޓްވީޓް ކޮށްފައިވަނީ އޭނާގެ އަތުން ފެނުނު ފޯނަކުން ކަމަށް ވާއިރު، އެ ފޯނަކީ އެހެން މީހަކު ބޭނުންކުރި ފޯނެއް ކަމަށް ބުންޏަސް، އެކަން އޭނާއަށް ސާބިތުކޮށް ނުދެވޭ ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ ގާނޫނުލް އުގޫބާތުގައި ބިރު ދެއްކުމުގެ ކުށަށް އޮންނަ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުން ކަމަށް ވިޔަސް، އެ އަދަބު ޖޫރިމަނާއަކަށް ބަދަލުކޮށް، 27،800 ރުފިޔާއިން ޖޫރިމަނާކުރާ ކަމަށެވެ.
އެ ފައިސާ އިއްޔެއިން ފެށިގެން ހަ މަސް ތެރޭގަައި ދައްކަން އެ ހުކުމުގައި އަންގާފައިވެ އެވެ.
ކަޝެޕް ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމުގައި ހުންނެވީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
ސަފީރުންނާއި އެމްބަސީތަކުގެ ވެރިންނަކީ ބައިނަލްއަގްވާމީ މުއާހަދާތަކުގެ ދަށުން ޑިޕްލޮމެޓިކް އިމްތިޔާޒް ލިބިގެންވާ ބައެކެވެ. އެ މީހުންނަށް ކޮންމެ ގައުމަކުން ވެސް ރައްކާތެރިކަން ދޭން ޖެހޭއިރު، އެފަދަ މީހުން ހައްޔަރު ކުރުމާއި ބަލައި ފާސްކުރުން ފަދަ ކަންކަން ވެސް އެ ގައުމަކަށް ނުކުރެވޭނެ އެވެ.
މިފަދަ ހާދިސާއެއް މިއަހަރު ތެރޭގައިވެސް ވަނީ ހިނގާފަ އެވެ. ޓުވިޓާ މެދުވެރިކޮށް އިންޑިއާ އެމްބަސީ ގޮއްވާލާނެ ކަމަށް ބުނި މީހަކާއި ދެކޮޅަށް ދައުވާ ކުރުމަށް މިހާރުވަނީ ކްރިމިނަލް ކޯޓަށް ފޮނުވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް