ތ. އަތޮޅުގެ މީހުން ދިރިއުޅޭ 12 ރަށެއްގައި ސޯލާ ޕީވީ – ބެޓެރީ - ޑީސަލް ހައިބްރިޑް ސިސްޓަމް ޤާއިމުކުރުމުގެ ކޮންޓްރެކްޓްގައި މިއަދު ސޮއި ކޮށްފިއެވެ.
މިނިސްޓްރީ އޮފް އެންވާރްމަންޓް ކްލައިމޭޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން ވިދާޅުވީ ތެލަށް ބަރޯސާ ވާ މިންވަރު ކުޑަކޮށް، ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށް ރާއްޖެއިން ލިބެން ހުރި އިއާދަ ކުރުވަނިވި ހަކަތައިގެ ޤުދުރަތީ ވަސީލަތްތައް ހޯދައި، އެ ވަސީލަތްތައް ބޭނުން ކުރުން އިތުރު ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރެވެމުންދާ ކަމުގައެވެ.
މިއީ ސަރުކާރުގެ ސްޓްރެޓެޖިކް ޕްލޭނުގައިވާ ގޮތުން ނެޓްޒީރޯ 2030 އަށް ވާސިލު ވުމަށްޓަކައި ކުރަމުން އަންނަ ކާމިޔާބު މަސައްކަތަށް އިތުރުވެގެން ދިޔަ މުހިންމު ބޮޅެއް ކަމުގައި އެ މިނިސްޓްރީން ފާހަގަ ކުރައްވައެވެ. އެންވާރްމަންޓް މިނިސްޓްރީ އިން ވިދާޅުވީ މިޕްރޮޖެކްޓުގެ ދަށުން ތ.އަތޮޅުގެ މީހުން ދިރިއުޅޭ 12 ރަށުގައި ޖުމްލަ 2.5 މެގަވޮޓްގެ އިރުގެ އަލި ބޭނުންކޮށްގެން ހަކަތަ އުފެއްދޭނެގޮތް ޤާއިމުވެގެންދާނެ ކަމުގައެވެ.
މީގެއިތުރުން 975 ކިލޯވޮޓުގެ ބެޓެރީ ސިސްޓަމް ޤާއިމުކުރުމާއި 3،180 މީޓަރުގެ ކޭބަލުއެޅުމާއި ޒަމާނީ ފެންވަރުގެ ޖެނެރޭޓަރ ކޮންޓްރޯލްޕެނަލް ބެހެއްޓޭނެއެވެ.
މީގެ ސަބަބުން، އަހަރަކު 1.2 މިލިއަން ލީތަރުގެ ޑީސަލް ގަތުމަށް ކުރާ ކުރާ ޚަރަދު ކުރަން ނުޖެހި، 12 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެއެވެ. އެހެންކަމުން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން 2،900 ޓަނު ކާބަންޑައި އޮކްސައިޑް މަދުކުރެވޭނެއެވެ.
އެންވާރްމަންޓް މިނިސްޓްރީން ވިދާޅުވީ މި ކޮންޓްރެކްޓްގެ ދަށުން ޙަވާލުކުރެވޭ މަސައްކަތްތައް ކޮންޓްރެކްޓް އިފެކްޓިވްވާ ތާރީޚުން ފެށިގެން 360 ދުވަހުގެ ތެރޭގައި ނިންމަންޖެހޭނެ ކަމުގައެވެ.
2018 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގައި ޤާއިމުކޮށްފައި ހުރީ 16.5 މެގަވޮޓުގެ ސޯލާ ޕީވީ އެވެ. ނަމަވެސް މިހާރު އެ ޢަދަދު ވަނީ 36.5 މެގަވޮޓަށް އިތުރުކުރެވިފައެވެ. މިއީ 45 ޕަސެންޓުގެ ކުރިއެރުމެކެވެ.
އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދިވެހިރާއްޖެ އަންނަނީ ހަލުވި ކުރިއެރުންތަކެއް ހޯދަމުންނެވެ. މިގޮތުން ކުރިއަށް އޮތް ދެއަހަރުގެ ތެރޭގައި މަދުވެގެން 50 މެގަވޮޓުގެ އިތުރު ހައިބްރިޑް ސިސްޓަމްތައް ޤާއިމުކުރެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް