ސުހާނާ ނިއުޔޯކް ދޫކޮށްލަން ޖެހިގެން ހިތް ހަލާކުވެފައި!

ބޮލީވުޑްގެ ތަރި ޝާހްރުކް ހާންގެ ދަރިފުޅު ސުހާނާ ހާން އެމެރިކާގެ ނިއުޔޯކް ދޫކޮށްލަން ޖެހޭތީ ހިތް ހަލާކުވެފައިވާ ކަމަށް ބުނެފި އެވެ. ޝާހްރުކް މީގެ ކުރިން ބުނެފައިވާ ގޮތުގައި އޭނާގެ ހުރި ހަމައެކަނި އަންހ...

29 Nov 2021 | 09:21

ބޮލީވުޑްގެ ތަރި ޝާހްރުކް ހާންގެ ދަރިފުޅު ސުހާނާ ހާން އެމެރިކާގެ ނިއުޔޯކް ދޫކޮށްލަން ޖެހޭތީ ހިތް ހަލާކުވެފައިވާ ކަމަށް ބުނެފި އެވެ.

ޝާހްރުކް މީގެ ކުރިން ބުނެފައިވާ ގޮތުގައި އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ސުހާނާ އަކީ މުސްތަގުބަލުގައި ބޮލީވުޑުން ފެންނާނެ މީހެއް ކަމަށެވެ. އުމުރުން 21 އަހަރުގެ ސުހާނާ މަތީ ތައުލީމް ހާސިލް ކުރަމުން ދަނީ ނިއުޔޯކް ޔުނިވާސިޓީންނެވެ.

ސުހާނާ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ހިތް ހަލާކުވެފައިވާ އިމޯޖީއެއް ޖެހުމަށް ފަހު ހިއްސާކޮށްފައިވާ ފޮޓޯގައި ވަނީ ނިއުޔޯކް ދޫކޮށް ދާން އުޅޭކަން ދޭހަވާފަދަ އެއްޗެއް ބުނެފައިވެ އެވެ. ފޮޓޯގައި ބުނެފައިވަނީ ހާސް ނުވުމަށާއި ނިއުޔޯކް ދޫކޮށް ދިޔަޔަސް އަބަދުވެސް އެމީހަަކީ ނިއުޔޯކް މީހަކަށް ވާނެ ކަމަށެވެ.

އޭނާގެ ތައުލީމު ފުރިހަމަކޮށް އަދި ނުނިމެއެވެ. އެކަމަކު ކުއްލިއަކަށް ނިއުޔޯކް ދޫކޮށްލަން އުޅޭ ވާހަކަ ދައްކާ ސަބަބު ހާމަކޮށްފައި ނުވާއިރު އިތުރު މައުލޫމާތެއް އަދި ނޭނގެ އެވެ. ސުހާނާ ވަރަށް ފަހުން ވަނީ ބޭބެ އާރްޔަން ހާން ޖަލުން ގެއަށް ބަދަލު ކުރުމުން ދިވާލީ އާއި ދިމާކޮށް އިންޑިއާއަށް ގޮސްފަ އެވެ.

ސުހާނާ އަކީ ފިލްމީ ދާއިރާއިން އަދި ނުފެންނަ މީހަކަށް ވިޔަސް ސޯޝަލް މީޑިއާގައި ނުފޫޒު ގަދަ ތަރިންގެ ދަރިންގެ ތެރޭގައި ހިމެނޭ މީހެކެވެ.

އޭނާގެ އިންސްޓަގްރާމް 2.3 މިލިއަން މީހުން ފޮލޯ ކުރެ އެވެ.

ސުހާނާ ވަނީ އޭނާގެ އެކްޓިން ހުނަރު 2019 ވަނަ ވަނަ އަހަރު ދައްކާލާފަ އެވެ. އެ އަހަރު ސުހާނާ ފެނިގެން ދިޔައީ "ދަ ގްރޭ ޕާޓް އޮފް ބްލޫ" ކިޔާ ކުރު ފިލްމަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް