ޒުވާނުން ތަމްރީނުކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ޔޫތް މިނިސްޓްރީ އެއްބަސްވުމެއްގައި ސޮއެ ކޮށްފި

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޒުވާނުން ތަމްރީނުކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް އާއި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް އާއި ދެމެދު އެމް.އޯ.ޔޫ...

29 Nov 2021 | 09:00

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޒުވާނުން ތަމްރީނުކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް އާއި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް އާއި ދެމެދު އެމް.އޯ.ޔޫގައި ސޮއިކޮށްފި އެވެ.

އެފްޑީ.ސީގައި ބޭއްވި ރަސްމިއްޔާތުގައި އެމް.އޯ.ޔޫގައި އެފް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ސަލްފިއްޔާ އަންވަރެވެ. ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް ހުސައިން އިސްމާއީލް އެވެ.

މި ރަސްމިއްޔާތުގައި ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓްގެ އިސްވެރިންނާއި އެފް.ޑީ.ސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ސްޓޭޓް މިނިސްޓަރ ހުސައިން އިސްމާއީލް ވިދާޅުވީ މިފަދަ ޕްރޮގްރާމުތައް ހިންގުމުގެ މައިގަނޑު މަގުސަދަކީ ޒުވާނުންނަށް ދިގު މުއްދަތައް ދެމިގެންދާ ތަމްރީނު ފުރުސަތުތައް ތަނަވަސްކުރުން ކަމަށެވެ.

ސަލްފިއްޔާ އަންވަރު ވަނީ މި ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ކުރިއަށްގެންދިއުމަށް އެފް.ޑީ.ސީގެ ފަރާތުން ބޭނުންވާ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން ތަޖުރިބާކާރުންގެ ބެލުމުގެދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލުމަށް ހިންގާ ހާއްސަ ޕްރޮގްރާމެކެވެ.

ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ފުރިހަމަކުރައްވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 (ތިނެއް) ގެ ސެޓްފިކެޓެއް ލިބޭނެ އެވެ.

މި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން އެފް.ޑީ.ސީން 10 ކޮންސްޓްރަކްޝަން އޮފިސަރުން ތަމްރީނުކުރުމަށް ނިންމާފަ އެވެ. އެގޮތުން ނޭޝަނަލް ސެޓްފިކެޓް 3 އިން ކޮންސްޓްރަކްޝަން ސައިޓް ސުޕަރވިޝަން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ކޮންސްޓްރަކްޝަން އޮފިސަރުންނަށް ކައިރި މުސްތަޤުބަލުގައި ހުޅުވާލެވިގެންދާނެ އެވެ.

އެފް.ޑީ.ސީގެ އުންމީދަކީ އިމާރާތްކުރުމުގެ މަޝްރޫއުތަކުގައި މަސައްކަތްކުރާ ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ތިބެގެން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު މި ޕްރޮގްރާމްގެ ތެރެއިން މަގުފަހިކުރެވި، މުސްތަޤުބަލުގައި އިމާރާތްކުރުމުގެ ދާއިރާގެ ފަންނީ މަސައްކަތްތަކުގައި މަސައްކަތްކުރާ ދިވެހި ޒުވާން ތަޖުރިބާކާރުން އިތުރުކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް