ވިލިމާލޭގައި ބެޓެރި ޓެކްސީގެ ޚިދުމަތް ފަށަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުއިއްޒު ވިދާޅުވީ މި ހަފްތާގެ ތެރޭގައި 10 ބެޓެރީ ކާރު ހޯދުމަށް ޢިއުލާނު ކުރާނެ ކަމަށެވެ. އަދި ޓެކްސީ ކުރުމަށް ގެންނަ 10 ކާރުގެ ތެރޭގައި ވޭންވެސް ހިމެނޭނެ ކަމަށެވެ.
ވިލިމާލެ އަކީ ތިމާވެށްޓާއި ރަށްޓެހި ގޮތަކަށް ބަގީ ގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ ރަށެއްގެ ގޮތުގައި ފާހަގަ ކުރައްވާ މޭޔަރ ވިދާޅުވީ، މި ޚިދުމަތަކީ ބަގީ ގައި ނުގެންދެވޭތަކެތި ވެސް ހުންނާތީވެ، އެ ޚިދުމަތް ހޯދާ އާންމު ރައްޔިތުންނަށް ވީހާވެސް ލުއި ފަސޭހަ ގޮތަކަށް ހޯދާ ދިނުމުގެ ބޭނުމުގައި ފަށާ ޚިދުމަތެއް ކަމަށެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ވިލިމާލޭގައި މިހާރު ދެމުން އަންނަ ބަގީގެ ޚިދުމަތް މެދު ކެނޑިފައިވާ ކަމަށާއި އެ ޚިދުމަތް ދިނުމަށް އިތުރު ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފައިވާނެ ކަމަށެވެ. އަދި މިހާރު އެ ޚިދުމަތް ދެމުން އަންނަ ފަރާތާއި މަޝްވަރާކޮށް ކައުންސިލުން ކޮށްދޭންވީ ކޮންކަންކަމެއްތޯ ބަލައި އެ ޚިދުމަތް އަވަހަށް ފެށުމަށް އެދިފައި ވާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ޓެކްސީގެ ޚިދުމަތް ވިލިމާލޭގައި ތައާރަފު ކުރި ނަމަވެސް އެޚިދުމަތް ދޭނީ ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަކަށް ކަމުގައި މުއިއްޒު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް