މައިލޯ ނެޝަނަލް ނެޓްބޯލް ޓޯނަމެންޓުގެ ރޭ ކުޅުނު އަންހެން ޑިވިޝަންގެ މެޗު ޒެނިތް ސްޕޯޓްސް ކްލަބުން ކާމިޔާބުކޮށްފި އެވެ.
ޔުނައިޓެޑް ޔުނިޓީ އާ ވާދަކޮށް ޒެނިތް ސްޕޯޓްސް އިން މި މެޗު ކާމިޔާބުކުރީ 45 ޕޮއިންޓު 22 ޕޮއިންޓުން ނެވެ. މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމަށް ހޮވުނީ ޒެނިތް ގެ ހިޝްމާ ހަސަން އެވެ.
ރޭ ކުޅުނު ފިރިހެން މެޗުގައި ބައްދަލުކުރީ ކޭވައިއާރްސީ އާއި މެޓްރިކްސް އެވެ. މި މެޗު ފަސޭހަކަމާއެކު 83 ޕޮއިންޓު 2 ޕޮއިންޓުން ކާިޔާބު ކުރީ ކޭވައިއާރްސީ އެވެ. މި މެޗުގެ މޭން އޮފް ދަ މެޗުގެ މަގާމް ހޯދީ ކޭވައިއާރްސީގެ އަހްމަދު ހުޝާމް އެވެ.
މި މުބާާރާތުގައި މިރޭ 19:45 ގައި ބައްދަލުކުރާ މެޗުގައި ކޭވައިއާރްސީ އާއި މަހިބަދޫ ބައްދަލުކުރާ އިރު، 21:30 ގައި ބައްދަލުކުރާނީ ގްރީން ސްޓްރީޓްސް އާއި ޝައިނިންގ ސްޓާރ އެވެ. މި ދެ މެޗަކީ ވެސް އަންހެން ޑިވިޝަންގެ ދެ މެޗެވެ.
މިއަހަރުގެ މުބާރާތުގައި އަންހެން 9 ޓީމު ބައިވެރިވެފައިވާ އިރު، އެޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލާފަ އެވެ.
ގްރޫޕް އޭގައި ހިމެނެނީ ގްރީން ސްޓްރީޓްސް، ޒެނިތް ސްޕޯޓްސް، ކްލަބް މެޓްރިކްސް، ޝައިނިންގ ސްޓާރ އަދި ޔުނައިޓެޑް ޔުނިޓީ އެވެ. ގްރޫޕް ބީގައި ހިމެނެނީ ކުޅުދުއްފުށި ޔީތް އެންޑް ރެކްރިއޭޝަން (ކޭވައިއާރްސީ)، ޔޫތް ޔުނަިއޓެޑް، ލޮރެންޒޯ އަދި މަހިބަދޫ ސްޕޯޓްސް ކްލަބެވެ.
މި މުބާރާތުގެ ފިރިހެން ބައިގާ ބައިވެރިވެފައިވަނީ ސްކައިލާރކް، ކޭވައިއާރްސީ އަދި މެޓްރިކްސް އެވެ.
ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ބާއްވާ މި މުބާރާތުގެ މެޗުތައް ބެލުމަށް ހިލޭ ވަނުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
އެޗްޕީއޭގެ ގައިޑުލައިންތަކަށް އިޙްތިރާމު ކުރުމަށް އެދި، ނެޓްބޯލް އެސީސިއޭޝަނުން ބުނީ މެޗު ބެލުމަށް ވަދެވޭނީ ކޮވިޑު ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ފަރާތަކަށް ކަމަށެވެ. އަދި މާސްކު އަޅައިގެން އިޖުތިމާޢީ ގައިދުރުކަމާއެކު ކުޅިބަލަން ތިބުމަށް އެ އެސޯސިއޭޝަނުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް