ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޚިދުމަތް މެދުކެނޑެނީ ސިސްޓަމް އަޕްގްރޭޑް ކުރުމަށްފަހު އަދިވެސް ހަމައަކަށް ނޭޅޭތީ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބީއެމްއެލް އިން ބުނީ މިއީ ބޭންކުގެ އޮޕަރޭޝަން ރަނގަޅު ކުރުމަށާއި ސިސްޓަމްތަކުގެ ސެކިއުރިޓީ އާއި ޓެކްނޮލޮޖީ ސްޓޭންޑަޑް ދެމެހެއްޓުމަށްޓަކައި ކުރާ މަސައްކަތެއް ކަމަށެވެ.
މިގޮތުން ނޮވެމްބަރ މަހުގެ 21 ވަނަ ދުވަހު ބޭންކުގެ ކޯ ބޭންކިންގ ސިސްޓަމްގެ އަޕްގްރޭޑްގެ ބޮޑު މަސައްކަތެއް ފަށާފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.
އެ ބޭންކުން ބުނީ ކޯ ބޭންކިންގ ސިސްޓަމްގެ އަޕްގްރޭޑް މަސައްކަތަކީ އުނދަގޫ އަދި އެހާމެ ބޮޑު މަސައްކަތަކަށް ވުމާއެކު މިކަމުގެ ސަބަބުން ޚިދުމަތްތައް މެދުކެނޑިގެން ދިޔުމަކީ ދުނިޔޭގެ ކޮންމެ ބޭންކަކަށް ވެސް ކުރިމަތިވެދާނެކަމެއް ކަމަށެވެ.
މީގެ އިތުރުން ބޭންކަށް އަންދާސާކުރެވުނީ މި އަޕްގްރޭޑްގެ ސަބަބުން ސިސްޓަމްތައް މެދުކެނޑިގެންދާނީ ކުޑަ މިންވަރަކަށް ކަމުގައިވީނަމަވެސް ސިސްޓަމަށް ދިމާވެދާނެ ކަމަކަށް ތައްޔާރުވެ، ބޭންކުންވަނީ ކުރިޔާލާ ކަސްޓަމަރުންނަށް މިކަންއަންގާފައި ކަމަށެވެ.
ނަމަވެސް އަޕްގްރޭޑްގެ މަސައްކަތަށްފަހު ދޭތެރެދޭތެރެއިން ސިސްޓަމްތައް މެދުކެނޑުމުގެ މައްސަލަ ދަނީ ދިމާވަމުން ކަމަށާއި ބޭންކުން ދަނީ މި މައްސަލަ ހައްލުކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.
ޚިދުމަތަށް ބުރޫއަރާ ކަސްޓަމަރުންނަށް ދިމާވަމުންދާ ދަތިތަކަށްޓަކައި ނިހާޔަތަށް މަޢާފަށް އެދޭކަމަށާއި މި ދަނޑިވަޅުގައި ކަސްޓަމަރުން ދެއްވާ އެއްބާރުލުމަށް އެ ބޭންކުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ބީއެމްއެލްގެ ޚިދުމަތް މެދުކެނޑެމުންދާތީ، ރައްޔިތުން އަންނަނީ އެކަމާ ނުރުހުން ފާޅުކުރަމުން ނެވެ. ޚާއްސަކޮށް ސޯޝަލް މީޑިއާގައި އަންނަނީ ރައްޔިތުންގެ ޝުޢޫރުތައް ފާޅުކުރަމުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް