ޗައިނާއިން ނަގާފައިވާ ލޯނަކަށް ފައިސާ ނުދެއްކި ޔުގެންޑާގެ ހަމައެކަނި އިންޓަނޭޝަނަލް އެއާޕޯޓު ދޭން ޖެހިއްޖެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޔުގެންޑާގެ އެއާޕޯޓު ޗައިނާއަށް ދޭން މަޖުބޫރުވަނީ 2015 ވަނަ އަހަރު ޗައިނާގެ އެކްސްޕޯޓު އިމްޕޯޓު ބޭންކު (އެކްޒިމް ބޭންކް) އިން ނެގި 207 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެގްރިމެންޓުގައި ވާ ކަންކަން ތަންފީޒު ނުކުރެވިގެންނެވެ.
އެ ލޯނު ނަގާފައިވަނީ 20 އަހަރު ދުވަހުގެ ތެރޭގައި ދައްކާަ ހަލާސް ކުރާ ގޮތަށެވެ. އަދި ލޯނު ދައްކަން ފަށަން ހަތް އަހަަރު ދުވަހުގެ ގްރޭސް ޕީރިއަޑެއް ޔުގެންޑާއަށް ދީފައިވެ އެވެ.
ޔުގެންޑާ ސަރުކާރުން ބުނީ އެއްބަސްވުމާއި އެއްގޮތަށް ކަންކަން ނުދިމުން ލޯނު ދެއްކުމުގައި ލުއިތަކެއް ދިނުމަށް ޗައިނާ އާއި އެކު މަޝްވަރާ ކުރި ނަމަވެސް އެކަން ކާމިޔާބުވެފައި ނުވާ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން އެ ގައުމުގެ އެންމެ އަގުބޮޑު އެސެޓު ކަމުގައިވާ އިންޓަނޭޝަނަލް އެއާޕޯޓު ދިނުން ނޫން ގޮތެއް ނެތް ކަމަށް ބުނެފައިވެ އެވެ.
އެ ލޯނަކީ އެއާޕޯޓު ތަރައްގީ ކުރުމަށް ނެގި ލޯނެކެވެ. މި މަޝްރޫއުގެ ދަށުން ދެ ރަންވޭ ތަރައްގީ ކުރުމަށް ހަމަޖެހިފައިވާއިރު އެ މަސައްކަތްތަކުގެ 75.2 ޕަސެންޓު މަސައްކަތް މިހާރު ވަނީ ނިންމާފަ އެވެ.
އެކަމަކު މަސައްކަތް ނިމިފައިވަނީ މަަޝްރޫއުގެ ފުރަތަމަ ފިޔަވަހި ނިންމަން ކަނޑައަޅާފައިވާ މުއްދަތަށް ނިންމިފައި ނުވާތީ އެ މުއްދަތު އެކްޒިމް ބޭންކުން އިތުރުކޮށްދީފަ ވަނިކޮށެވެ. 2016 ވަނަ އަހަރު ފެށި އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި މިއަހަރުގެ މެއި މަހަށް ނިންމަން ކަނޑައަޅާފަ އޮތް ނަމަވެސް މަސައްކަތް ނިންމިފައި ނުވާތީ އަންނަ އަހަރުގެ ޑިސެމްބަރަށް ވަނީ މުއްދަތު އިތުރުކޮށްދީފަ އެވެ.
ޔުގެންޑާ އިންޓަނޭޝަނަލް އެއާޕޯޓަކީ އަހަރަކު 1.9 މިލިއަން މީހުން ހިދުމަތް ހޯދާ އެއާޕޯޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް