ވަޒީރެއްގެ ގޮތުގައި އައްޔަންކުރިޔަސް ހަވާލުކުރާ ޒިންމާތައް އަދާކުރެވޭނީ ބަޖެޓު ލިބިގެން ކަމަށް ޓްރާންސްޕޯޓު މިނިސްޓަރ ޢައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ނެވެ.
މިނީ ބަހުގެ ހިދުމަތް ފެށޭނެ ތާރީޚަކާއިގުޅޭ ގޮތުން އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމު ވެސް ފުރުއްވާ ހަސަން ލަތީފު ސުވާލު ކުރެއްވުމުން މިނިސްޓަރ ވިދާޅުވީ މި ޚިދުމަތް ފެށުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ.
އެހެންނަމަވެސް އަދިވެސް ފަށައި ނުގަނެވިގެން އުޅެނީ ބަޖެޓުގައި ހުރި ތާށިތަކެއްގެ ސަބަބުން ކަމަށް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފަ އެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން ވަޒީރެއްގެ ގޮތުގައި އަޅުގަނޑުމެން އައްޔަންކުރިޔަސް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭނީ، އަދި އަޅުގަނޑުމެންނާ ހަވާލު ކުރާ ޒިންމާތައް އަދާކުރެވޭނީ އަޅުގަނޑުމެންނަށް އެ މަސައްކަތަށް ލިބިފައިވާ ބަޖެޓު ލިބިގެން ކަމަށްވާތީ، އެކަމުގަ ބަޖެޓު މިހާތަނަށް އަދި ހަމަޖެހިފައި ނުވާތީ އެކަން ލަސްވެގެން ދާ ކަން އަޅުގަނޑު ފާހަގަކޮށްލަން،" މިނިސްޓަރ ނަހުލާ ވިދާޅުވި އެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ލިބިފައި އިން ބަޖެޓުން ހަތަރު ބަސް ނޫނީ ފަސް ބަސް ގަނެގެން މަސައްކަތެއް ނުފެއްޓޭނެ ކަމަށެވެ. އަދި ބަޖެޓު ނުލިބުމުން، ބޭރުގެ އެހީ ދޭ ޖަމާއަތްތަކުގެ އެހީ ހޯދުމަށް އެދި ފޮރިން މިނިސްޓްރީގައި ވެސް އެދިފައިވާނެކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ މިހައިތަނަށް އެކަމުގެ އެއްވެސް ކޮޅެއް ފެނިފައިނުވާކަން ފާހަގަކުރައްވާފަ އެވެ.
މަސައްކަތް ފެށޭނެ ވަރުގެ ބަޖެޓެއް ހަމަޖެހުމުން މަސައްކަތް ފަށާނެ ކަމަށް މިއަދުގެ މަޖިލިސް ޖަލްސާގައި ނަހުލާ ވިދާޅުވެފައިވާ އިރު، އެ ޚިދުމަތް ނުފެށި ލަސް ވަނީ އެކަމަށް ބޭނުންވާ ބަޖެޓު ނެތުމުންކަމަށް މީގެކުރިން ވެސް މިނިސްޓަރ ނަހުލާ ވަނީ ޔަކުރާރުކޮށް އެކަން ވިދާޅުވެފަ އެވެ.
މިނިސްޓަރު ނަހުލާ ވިދާޅުވީ މިނީ ބަހުގެ ޚިދުމަތަކީ ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުކުރި މަސައްކަތްތަކުގެ ތެރެއިން މިހާރު ނުފުއްދި އޮތް ހަމައެކަނި ވައުދު ކަމަށެވެ.
މިނީ ބަހުގެ ޚިދުމަތް ދިނުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ވައުދަކަށްވާ އިރު، އަންނަ އަހަރުގެ ބަޖެޓުގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް ހަމަޖައްސާފައިވަނީ 16.9 މިލިއަން ރުފިޔާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް