ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޭބަންދަށް ބަދަލުކުރުމަށް އެމަނިކުފާނުގެ އިސް ލޯޔަރު ޑރ. މުހައްމަދު ޖަމީލް އަހްމަދު ގޮވާލައްވައިފިއެވެ.
ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރުގައި އެންމެ ފުރަތަމަ ނައިބުރައީސްކަން ކުރެއްވި ޑރ. ޖަމީލް ކަމާބެހޭ ފަރާތްތަކަށް މިކަމަށް ގޮވާލައްވާފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ޑރ. ޖަމީލް ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ އިސް "ކައުންސިލް" ގެ ހައިސިއްޔަތުން، ޖަލުގައި ހުންނެވި ރައީސް ޔާމީންގެ އަރިހަށް މިއަދު ޒިޔާރަތް ކުރެއްވި ކަމަށެވެ. ރައީސް ޔާމީނާއިމެދު ޖަލުގައި ކަންކުރެވެމުން އަންނަނީ ވަރަށް އިހާނެތިކޮށް ކަމަށް ވިދާޅުވެފައިވެއެވެ.
"ޖަލުގެ ހާލަތާ ބައިނަލްއަގްވާމީ ގޮތުން ހުންނަންޖެހޭ މިންގަނޑާ ދިމައެއް ނުވޭ، މިއީ އަނިޔާކުރުން" ޑރ. ޖަމީލްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ޑރ. ޖަމީލްގެ އެ ޓްވީޓްގައި ބީބީސީ، އަލްޖަޒީރާ، އޭއެފްޕީގެ އިތުރުން ރޮއިޓާސް ޓެގް ކުރައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް