ރާއްޖެ އިސްތިހާރުކުރުމަށް ބީއެމްއެލް އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން "އެކްސްޕީރިއަންސް މޯލްޑިވްސް" ކެމްޕެއިން ފަށައިފި

ބޭންކް އޮފް މޯލްޑިވްސް އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން ދުނިޔޭގެ މާކެޓްގައި ދިވެހިރާއްޖެ އިސްތިހާރުކުރުމަށް "އެކްސްޕީރިއަންސް މޯލްޑިވްސް" ކެމްޕެއިން ދެވަނަ ފަހަރު ފަށައިފިއެވެ. މި ކެމްޕެއިންގެ އަ...

29 Nov 2019 | 11:21

ބޭންކް އޮފް މޯލްޑިވްސް އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން ދުނިޔޭގެ މާކެޓްގައި ދިވެހިރާއްޖެ އިސްތިހާރުކުރުމަށް "އެކްސްޕީރިއަންސް މޯލްޑިވްސް" ކެމްޕެއިން ދެވަނަ ފަހަރު ފަށައިފިއެވެ. މި ކެމްޕެއިންގެ އަމާޒަކީ އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ހާއްސަ އޮފަރތަކާއި ތަފާތު ތަޖްރިބާކޮށްލުމުގެ ފުރުސަތުތަކާއެކު ދުނިޔޭގެ ފަތުރުވެރިކަމުގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ އިސްތިހާރު ކުރުމެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އަދި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޮންޕެނީ (އެމް.އެމް.ޕީ.އާރު.ސީ) އިން އެންޑޯޒްކޮށްފައިވާ "އެކްސްޕީރިއަންސް މޯލްޑިވްސް" ކެމްޕޭން އިފްތިތާހު ކޮށްދެއްވީ އެކަމަށް ހާއްސަކޮށް ކުރުނބާ މޯލްޑިވްސް ގައި މިރޭ ބޭއްވުނު ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމެވެ.

މިކެމްޕޭންގެ ދަށުން، އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ޗުއްޓީ ހޭދަކޮށްލުމަށް ދިވެހި ރާއްޖެ އިހްތިޔާރުކުރަން ހިތްވަރުދިނުމުގެ ގޮތުން ޚާއްސަ އޮފަރ ތަކެއް ރާއްޖޭގެ ރިސޯޓްތަކާއި، ގެސްޓް ހައުސްތަކެއް ލިބި އަދި އެކި އެކި ވިޔަފާރިތަކުން ހާއްސަ ޑިސްކައުންޓްވެސް ލިބިގެންދާނެއެވެ.

މި ކެމްޕޭނާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ " އެމެރިކަން އެކްސްޕްރެސް އާ ގުޅިގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމުގެ މިކެމްޕޭނު ދެވަނަ ފަރަހަށް ކުރިޔަށް ގެންދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. 'އެކްސްޕީރިއަންސް މޯލްޑިވްސް' އަކީ ވަރަށް ކާމިޔާބު ކެމްޕޭނެއް. ރާއްޖެއަށް ގިނަ ފަތުރުވެރިންތަކެއް ޒިޔާރަތްކުރުމުގައި މި ކެމްޕޭނުގެ އެހީވެސް ލިބުނުކަން އަޅުގަނޑު ފާހަގަކުރަން. އަޅުގަނޑުމެންގެ އުންމީދަކީ މި އަހަރުވެސް މި ކެމްޕެއިންގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ހެޔޮ ބަދަަލުތަކެއް އައުން. މި ކެމްޕޭން އަށް ދެއްވި ހާއްސަ އެހީތެރިކަމާއި އެއްބާރުލެއްވުމަށް މަޓީ، އެމް.އެމް.ޕީ.އާރު.ސީ އަދި މި ކެންޕެއިންގައި ޝާމިލްވާ އެހެނިހެން ފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން."

"އެކްސްޕީރިއަންސް މޯލްޑިވްސް' ތައާރަފް ކުރުމާއި ގުޅޭ ގޮތުން އެމެރިކަން އެކްސްޕްރެސް ގެ ދެކުނު އޭޝިޔާގެ ވައިސް ޕްރެޒިޑެންޓް އަދި ގްލޯބަލް ނެޓްވޯކް ސަރވިސަސްގެ ބިޒްނަސް ހެޑް ދިވްޔާ ޖެއިން ވިދާޅުވީ" 'އެކްސްޕީރިއަންސް މޯލްޑިވްސް' ކެމްޕެއިންގައި ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ އަދި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނާއެކު ބައިވެރިވެވޭކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް. ދިވެހި ރާއްޖެ އަކީ ދުނިޔޭގެ އެކި ކަންކޮޅުގައި އަބަދުވެސް ވަރަށް މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެއް. މި ޕާރޓްނާޝިޕްގެ ދަށުން ރާއްޖޭގެ ވިޔަފާރިތައް ކުރިއަރުވާ އެހީތެރިވުމަށް އަޅުގަނޑުމެން މަސައްކަތްކުރާނަން. އަދި މި ކެމްޕެއިނާއެކު އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އައު އަދި ތަފާތު ތަޖުރިބާއެއް ހޯދާދިނުމަށް މަސައްކަތް ކުރާނަން" .

މި ޕްރޮމޯޝަންއާ ގުޅޭ އިތުރު މައުލޫމާތު އެކްސްޕީރިއަންސް މޯލްޑިވްސް ގެ ވެބްސައިޓް  www.experiencemaldivesnow.com އިން ލިބޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް