ބޭންކް އޮފް މޯލްޑިވްސް އިން އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކާޑު ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑު ރާއްޖޭގައި ތައާރަފް ކޮށްފިއެވެ. މި ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ދަތުރުތަކާއި، ހޮޓެލް ބުކިންގ އަދި ވިޔަފާރިތަކުން ވަރަށް...

29 Nov 2019 | 10:46

ބޭންކް އޮފް މޯލްޑިވްސް އިން އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑު ރާއްޖޭގައި ތައާރަފް ކޮށްފިއެވެ.

މި ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ދަތުރުތަކާއި، ހޮޓެލް ބުކިންގ އަދި ވިޔަފާރިތަކުން ވަރަށް ހާއްސަ އޮފަރތަކެއް ލިބިގެންދާނެއެވެ. އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑު ލޯންޗް ކޮށްދެއްވީ ރޭ ކުރުނބާ މޯލްޑިވްސް ގައި ބޭއްވުނު ހާއްސަ ހަފްލާއެއްގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމެވެ.

މި ހިދުމަތާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ހާއްސަ އިނާޔަތްތަކާއި އަގުހުރި ޚިދުމަތްތަކެއް އެކުލެވޭ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑު ދިވެހިރާއްޖެއަށް ތައާރަފްކުރެވިގެންދިޔުމަކީ ބޭންކް އޮފް މޯލްޑިވްސް އަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކާޑު ތައާރަފް ކުރުމާއި ގުޅޭ ގޮތުން އެމެރިކަން އެކްސްޕްރެސް ގެ ދެކުނު އޭޝިޔާގެ ވައިސް ޕްރެޒިޑެންޓް އަދި ގްލޯބަލް ނެޓްވޯކް ސަރވިސަސްގެ ބިޒްނަސް ހެޑް ދިވްޔާ ޖެއިން ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް އާއެކު 2004 އިން ފެށިގެން ގާއިމް ކުރެވިފައިވާ ޒަމާންވީ ގުޅުމަކީ އިހުތިރާމު ކުރާ އަދި އަގުވަޒަން ކުރާ ގުޅުމެއް ކަމަށެވެ.

"ޕްލެޓިނަމް ކްރެޑިޓް ކާޑު އިފްތިތާޙް ކުރެވިގެން ދިއުމާއެކު ދިވެހީންނަށް މިކާޑު މެދުވެރިކޮށް، އެމެރިކަން އެކްސްޕްރެސް ބްރޭންޑުގެ ފުޅާ ޚިދުމަތްތައް މަގުފަހިވުމުގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސްއާއި ގުޅިފައިވާ ބައިނަލްއަޤްވާމީ ވިއުގައާއި އަދި ދިވެހި ބޭންކިންގެ ފަންނީ ތަޖްރިބާ މި ޚިދުމަތުގައި ހިމެނިގެންދާނެއެވެ. މި އައު ޚިދުމަތާއެކު މި ބްރޭންޑަށް ލިބޭ ތަރުހީބު އިތުރުވެ، ބޭންކުގެ ކަސްޓަމަރުންގެ އަދަދު އިތުރު ވެގެންދާނެކަމަށް ޔަގީންކުރަން."  އޭނާ ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސް ކާޑު ދޫކުރާ އަދި މާޗަންޓް ހިދުމަތް  ފޯރުކޮށްދޭ ހަމައެކަނި ބޭންކެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 50 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑުގެ އިތުރު މައުލޫމާތު ބޭންކްގެ ވެބްސައިޓް  www.bankofmaldives.com.mv އިން ލިބޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް