އިސްލާމް ދީނުގެ ތަޞައްވުރު ހުތުރު ކުރުމަށް ކުރެވޭ އެންމެހައި މަސައްކަތްތަކާމެދު، ފަރުވާތެރި ވާން ޖެހޭ ކަމަށް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހް އެފަދައިން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ.
އެމަނިކުފާނު ވިދާޅުވީ އިސްލާމް ދީނުގެ ތަސައްވުރު ހުތުރު ކުރުމަށް ކުރެވޭ އެންމެހައި މަސައްކަތްތަކާމެދު، ފަރުވާތެރިވެ، އެފަދަ ކަންކަމުން ދިވެހި އެންމެހާ ރައްޔިތުންނާއި ތުއްތުކުދިން ސަލާމަތްކުރުމަށް މަސައްކަތްކުރުމަކީ، ކޮންމެ ރައްޔިތެއްގެވެސް ކޮނޑުގައި އެޅިފައިވާ ދީނީ އަދި ޤައުމީ ވާޖިބެއްކަން ޔަގީން ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހުގެ ހަނދާންތައް އައުކުރާއިރު، އެމަތިވެރި ނަސީބު ދިވެހިންގެ މެދުގައި ދެމެހެއްޓުމުގެ މުހިންމުކަމާމެދު ވިސްނަންޖެހޭ ކަމަށެވެ.
ވަކިން ހާއްސަ ގޮތެއްގައި، ޒުވާނުންނާއި ޅަދަރިންގެ ހިތްތަކުގައި، އިސްލާމް ދީނުގެ ސައްހަ އަގީދާ ސާބިތުކުރުމަށް މަސައްކަތް ކުރުމަކީ، މައިންބަފައިންނާއި ބެލެނިވެރިން އަދި ތައުލީމީ މުއައްސަސާތަކުގެ ޒިންމާއެއްކަމަށް ދެކި، އެކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް