ފަސް އަހަރުގެ ޖަލު ހުކުމެއް އިއްޔެ އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދުގެ ވަގުތެއްގައި އައިޖީއެމް ހޮސްޕިޓަލަށް ގެނެސް ޓެސްޓްތައް ހަދައިފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މި ޓެސްޓްތަކަކީ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒުކުރާނެ ޖަލެއް ކަނޑައެޅުމުގެ ކުރިން ހަދަންޖެހޭ ޓެސްޓްތަކެކެވެ. މި ވަގުތު ރައީސް ޔާމީން ބަހައްޓާފައި ހުރީ މާލޭ ޖަލުގައެވެ.
ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކުރީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިޔަން ޑޮލަރު އަމިއްލަފުޅު އެކައުންޓެއްގައި ޖަމާކޮށް އެ ފައިސާ ލޯންޑަރ ކުރި ކަމުގެ ތުހުމަތުގައެވެ.
ފަސް އަހަރު ރާއްޖޭގެ ރައީސްކަން ކުރެއްވި ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށް ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށްފައިވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ހުކުމް ރައީސް ޔާމީންގެ މައްޗަށް އިއްވީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް