އިންޑޮނީޝިއާގެ ބާލީ ސިއްސުވާލި މަޝްހޫރު "ސޫޓްކޭސް" މަރުގެ މައްސަލައިގަ ހިމެނޭ ހީތާާ މެކް މިނިވަން ވެއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ 2014 ވަނަ އަހަރު އޮގަސްޓު މަހު އެވެ. އެމެރިކާގެ ރައްޔިތުން ކަމަށްވާ ހީތާ އާއި އޭނާގެ ލޯބިވެރިޔާ ޓޮމީ ޝީފާގެ އިތުރުން ހީތާގެ މަންމަ ޝީލާ ވޮން މެކް ބާލީއަށް ދިޔައީ ޗުއްޓީ ހޭދަ ކުރާ ށެވެ.
މިދަތުރުގެ ތެރެއިން ހިނގި ޒުވާބެއްގައި ޓޮމީ ވަނީ ކޮޓަރީގައި ހުރި މޭވާ ވަށިގަނޑަކުން ޖަހައި ހީތާގެ މަންމަ ޝީލާ މަރާލާފަ އެވެ. އަދި އެކަން ފޮރުވުމަށް ހީތާގެ އެހީ އާއި އެކު ޝީލާގެ ހަށިގަނޑު ސޫޓްކޭސްއަކަށް ލައިގެން ގެންގޮސް ބެހެއްޓީ އެހެން ހޮޓަލެއްގެ ތެރޭގައި އެވެ.
ފުލުހުންނަށް އެކަން ފަޅާ އެރީ އެއްދުވަސް ފަހުން އެ ހޮޓަލުން ރިޕޯޓު ކުރުމުންނެވެ. މި މައްސަލައިގަ ޓޮމީ ވަނީ ޝީލާ މަރާލި ކަމަށް އެއްބަސްވެފަ އެވެ. އަދި ހީތާ ވަނީ މަންމަގެ ހަށިގަނޑު އެމީހުން ތިބި ހޮޓަލުން ބޭރުކޮށް ސޫޓްކޭސް އުފުލުމުގައި އެހީވެދިން ކަމަށް ކޯޓުގައި އެއްބަސްވެފައި އެވެ.
މީގެ ތެރެއިން ޓޮމީއަށް އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވި އިރު، ބައިވެރިވުން ކުޑަކަމުން ހީތާއަށް ކޮށްފައިވަނީ 10 އަހަރުގެ ޖަލު ހުކުމެކެވެ. އެކަމަކު ޖަލުގައި އުޅުނުލެއް ރަނގަޅުކަމުން މިދިޔަ ހުކުރު ދުވަހު ހީތާ ވަނީ އިންޑޮނީޝިއާ ޖަލުން މިނިވަން ކޮށްފަ އެވެ.
ޓޮމީ އޭނާގެ ލޯބިވެރިޔާގެ މަންމައަށް ހަމަލާދީ މަރާލަން ޖެހުނު ސަބަބު ފަހުން ވަނީ ހާމަކޮށްފަ އެވެ. ޓޮމީ ބުނީ އެ ދުވަހު ހީތާގެ މަންމައަށް ހަމަލާދިނީ އަމިއްލަ ދިފާއުގައި ކަމަށެވެ. އެއީ، ހީތާ އިނީ އޭނާގެ ދަރިއަކަށް ބަލިވެކަން އެނގުމުން ޝީލާ ރުޅިއައިސް އޭނާއަށް ހަމަލާދޭން މަސައްކަތް ކުރުމުން ކަމަށް ބުނެފައިވެ އެވެ.
ހީތާ ވިހެއީ ޖަލުގައި އެވެ. އެކަމަކު ލިބުނު އަންހެން ދަރިފުޅު ގެންގުޅުނީ ޖަލުގަ ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ. މިނިވަން ވުމުން ހީތާ ވަނީ އެނބުރި އެމެރިކާއަށް ދާން ޖެހިލުންވާ ކަމަށް ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް