މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް އިރުޝާދު ދިނުމަށް (ކޯޗުގެ މަގާމަށް) ތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ހަމަޖައްސައިފި އެވެ.
ހުޅުމާލޭގެ އަކާސިއާ ބީޗު ހޮޓަލުގައި ބޭއްވި ހަފުލާއެއްގައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށް، ދެ ފަރާތުން ވަނީ އެބްސްވުން ބަދަލުކޮށްފަ އެވެ.
އޭއެފްސީ ޕްރޯ ލައިސަންސް ހާސިލުކޮށްފައިވާ މޯހަން، މިދިޔަ ސީޒަންގައި ފުރަތަމަ ކޯޗުކަން ކޮށްދިނީ އީގަލްސް އަށެވެ. އެކަމަކު ލީގުގެ މެދަކާ ހިސާބުން ސުޕަރ ޔުނައިޓެޑް (ސަސް)ގެ އަށްވަނީ ބަދަލުވެފަ އެވެ.
ސަސްއިން މޯހަންއާއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލީ މިމަހުގެ 20 ވަނަ ދުވަހު އެވެ.
ނިއު ރޭޑިއަންޓް، ވެލެންސިއާ، ކުޑަހުވަދޫ އަދި މަހިބަދޫ ފުޓްބޯޅަ ޓީމަށް ވެސް ކޯޗު ކޮށްދީފައިވާ މޯހަން ވަނީ ކުޑަހުވަދޫ އަށް މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
މިދިޔަ ސީޒަނުގައި މާޒިޔާއަށް ކޯޗުކަން ކޮށްދިނީ ސަރބިއާ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ރިސްޓޯ ވިޑަކޮވިޗެވެ. އަދި އޭނާއާއެކު މާޒިޔާއިން ވަނީ މިދިޔަ ސީޒަނުގެ ލީގު ކާމިޔާބުކޮށްފަ އެވެ.
މާޒިޔާގެ ކޮންޓްރެކްޓް ހަމަވުމުން ކުލަބު ދޫކޮށްލުމަށްފަހު، ވިޑަކޮވިޗް މިހާރު މަސައްކަތް ކުރަމުންދަނީ އިންޑޮނޭޝިއާގެ ބޯނެއޯ ސްޕޯޓްސް ކުލަބާއެކު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް